މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "ރިތިންކިން އިކޮނޮމިކް ގްރޯތު ބިޔޯންޑް ޓޫރިޒަމް" ގެ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވަނީ ޑިޖިޓަލް ފައިނޭންސް އަދި ފިންޓެކް އީޖާދުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިއަރާދާނެގޮތާ ބެހޭގޮތުން އަލިއަޅުއްވާލައްވާފައެވެ. އިއްޔެ (16 ނޮވެމްބަރ 2025) ވިލާ ނޯޓިކާގައި ބޭއްވި މި ކޮންފަރަންސްގައި، ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޕޮލިސީ މޭކަރުންނާއި، މާލީ ދާއިރާގެ ވެރިންނާއި ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޕެނަލް ޑިސްކަޝަންގައި ނިޔާޒު ވަނީ ރާއްޖެފަދަ އުފެދިފައިވާ ގޮތުން ފެތުރިފައިވާ ގައުމުތަކުގައި ޑިޖިޓަލް ފައިނޭންސް އަކީ އެންމެ ބާރުގަދަ އެއް ވަސީލަތް ކަމަށް އަލިއަޅުއްވާލައްވާފަ އެވެ.
"ޑިޖިޓަލް ފައިނޭންސް އަކީ އަޅުގަނޑުމެން ކަހަލަ ގައުމެއްގައި ހަމަހަމަ ފުރުސަތުތަކެއް ގާއިމް ކުރުމަން ބެނުން ކުރެވޭ އެންމެ މުހިންމު އެއް ވަސީލަތް. ކައިރި މުސްތަގުބަލެއްގައި އެމް-ފައިސާ އާއި ޕޭޕާލް އިންޓަގްރޭޓް ކުރެވިގެން ދިޔުމުން ކޮންމެ ރަށެއްގެ ފްރީލާންސަރުންނާއި ފަންނުވެރިންނާއި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ މާކެޓްތަކާއި އާމްދަނީ ހޯދުމާއި އާ ފުރުސަތުތައް ފަހިވެގެންދާނެ. ކޮންމެ މުޖުތަމައެއްވެސް ޑިޖިޓަލް އިކޮނޮމީގައި ބައިވެރިއަކަށް ވަނީ މިހެން."
ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ޢުމްރާނީ ތަރައްޤީގެ ޚަރަދު ބޮޑުވުމާއި، ޑިޖިޓަލް ހުނަރުންނަށް ހުރި ފަރަގުތަކާއި، ޑިޖިޓަލް ނިޒާމުތައް ބައިބައިވުން ފަދަ ގޮންޖެހުންތަކަށް ޙައްލެއް ހޯދަންޖެހޭ ކަމުގައި ވިދާޅުވިއެވެ.
"މިއީ އެއްވެސް ފަރާތަކަށް އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް އީޖާދީ ފުރުސަތުތައް ފޯރުކޮށްދިނުމަށް ޕްރައިވެޓް ސެކްޓާއާ އެކު ހަރުދަނާ ޕާޓްނަރޝިޕެއް ގާއިމް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" އޭނާ ވިދާޅުވި އެވެ.
ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މައްޗަށް އަލިއަޅުއްވާލައްވަމުން ނިޔާޒު ވިދާޅުވީ "ޑިޖިޓަލް މޯލްޑިވްސްއެއް ބައްޓަން ކުރާނީ ހަމައެކަނި ޓެކްނޮލޮޖީއެއް ނޫނެވެ. މީހުންނެވެ. ކަންކަން ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭ ކޮންމެ ދިވެއްސަކަށްވެސް ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އެހީވެދެވޭނެއެވެ.
މި ސެޝަންގައި ނިޔާޒު ވަނީ އެމް-ފައިސާ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދީ، މުޅި ރާއްޖެ ކަނެކްޓިވިޓީ ފުޅާކޮށް، ފައިނޭންޝަލް އިންކްލޫޝަން ޕްރޮމޯޓް ކުރުމަށް އުރީދޫއިން އަބަދުވެސް މަސައްކަތް ކުރާކަން ފާހަގަކުރައްވާފައެވެ. ކުރިއަށް އޮތް ތަނުގައި އެމްފައިސާއާއި ޕޭޕާލް އިންޓަރގްރޭޓް ކުރެވިގެން ދިއުމުން ދިވެހިންނަށް ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވިގެންދާނެއެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފްރީލާންސަރުންނާއި ގެސްޓްހައުސްތަކާއި ކުދި ވިޔަފާރިތަކާއި އުފެއްދުންތެރި ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެކެވެ. އުރީދޫ މޯލްޑިވްސްގެ އަމާޒަކީ ޑިޖިޓަލް އިޤްތިޞާދެއް ބިނާކުރުމަށް ސަރުކާރުގެ އިދާރާތަކާއި، ރެގިއުލޭޓަރުން އަދި ޕްރައިވެޓް ސެކްޓަރ ގުޅިގެން މަސައްކަތްކުރުމެވެ.