ޤައުމީ އެއަރލައިން މޯލްޑިވިއަނުން، ށ. ފުނަދޫ އެއަރޕޯޓަށް ކުރާ ދަތުރުތަކުގެ ޢަދަދު އިތުރުކޮށްފިއެވެ. މި އިތުރުކުރުމާއެކު، މިއަދުން ފެށިގެން ފުނަދޫ އެއަރޕޯޓަށް ހަފްތާއަކު 4 ދަތުރު ކުރުމަށް ވަނީ ނިންމާފައެވެ.
މޯލްޑިވިއަން އިން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ބުނީ، މި ދަތުރުތައް އިތުރުކުރުމުގެ ސަބަބުން ށ. އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން އިތުރުވެގެންދާނެ ކަމަށެވެ. މީގެ ކުރިން މޯލްޑިވިއަނުން ފުނަދޫ އެއަރޕޯޓަށް ކުރަމުން ދިޔައީ ހަފްތާއަކު 3 ދަތުރެވެ.
އާ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެވެސް، އާދީއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. ކުރިން ދަތުރުކުރަމުން ދިޔަ ދުވަސްތަކަކީ ކޮންމެ ހަފްތާއެއްގެވެސް އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެވެ. މި ބަދަލާއެކު، ހަފްތާއަކު އިތުރު ދަތުރެއް ފުނަދޫއަށް ކުރާނެއެވެ.
ށ. ފުނަދޫ އެއަރޕޯޓުގެ ޚިދުމަތް ދޭން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެއަރޕޯޓުގެ ޚިދުމަތް ފެށުނުފަހުން، މޯލްޑިވިއަނުން ދަނީ އެ ސަރަޙައްދުގެ ރައްޔިތުންނަށް އެތެރޭގެ އުދުހުންތަކުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. ދަތުރުތައް އިތުރުކުރުމަކީ ރައްޔިތުންނަށް ލިބުނު ބޮޑު ލުއިފަސޭހައެކެވެ.