ރާއްޖޭގެ ޔުނިވާސަލް ޕީރިއޯޑިކް ރިވިއު (ޔޫޕީއާރު) ގެ 4 ވަނަ ބުރުގައި ބައިވެރިވި ޤައުމުތަކުން ރާއްޖެއަށް ހުށަހަޅާފައިވާ ޢިލްތިމާސްތައް ތަންފީޒުކުރާނީ، ދިވެހިރާއްޖޭގެ ޤާނޫނޫތަކާއި އިސްލާމް ދީނުގެ އަސްލަކާއި ތަޢާރަޒް ނުވާ ގޮތަށް ކަމަށް ބަލައިގެން ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.
މިއީ އިންސާނީ ހައްޤުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މުޖުތަމަޢުން ރާއްޖެއަށް ދީފައިވާ އެންމެހާ ހުށަހެޅުންތަކަށް ޢަމަލުކުރުމުގައި ރާއްޖެއިން ގެންގުޅޭނެ އުސޫލުކަން އެ އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
ޔޫޕީއާރުގެ ހަތަރުވަނަ ބުރުގެ ވަރކިންގ ގްރޫޕުން ދިވެހިރާއްޖެއާ ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓް މިމަހުގެ 14 ވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ. އިންސާނީ ހައްޤުތަކާ ގުޅޭގޮތުން އ.ދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ދަށުން ބާއްވާ މި ރިވިއު ސެޝަން ބޭއްވުނީ މިމަހުގެ 5 ވަނަ ދުވަހުއެވެ.
ޔޫޕީއާރު ވަރކިންގ ގްރޫޕުގެ ރިޕޯޓުގައި، ރާއްޖޭގެ ރިވިއު ސެޝަންގައި ބައިވެރިވި 104 ޤައުމަކުން، ކުރިއަށް އޮތް ޔޫޕީއާރު ސައިކަލްގައި ރާއްޖެއިން ތަންފީޛުކުރުމަށް 284 އިލްތިމާސެއް ހުށަހަޅާފައިވެއެވެ. ބަންޑާރަ ނައިބުގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ޢިލްތިމާސްތަކުގެ ތެރޭގައި ހިމެނެނީ، އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާކުރުމަށް އަންހެނުންނާއި، ކުޑަކުދިންނާއި، މުޖުތަމަޢުގެ އަޅާލުން ބޭނުންވާ ފަރާތްތައް ބާރުވެރި ކުރުވުމަށް މަސައްކަތް ކުރުމާއި، އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރު ކުޑަ ކުރުމަށް މަސައްކަތް ކުރުމަށް ހުށަހަޅާފައިވާ ކަންކަމެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ، ދިވެހިރާއްޖެއިން ތަންފީޛު ކުރަން ޖެހޭނީ ހަމައެކަނި ރާއްޖެއިން ޤަބޫލުކުރާ ކަންކަން ކަމަށްވާތީ، މި ޢިލްތިމާސްތައް ޤަބޫލުކުރާކަން ނުވަތަ ނޫންކަން އަންގައި، ހިއުމަން ރައިޓްސް ކައުންސިލްގެ ދެން އޮންނަ ސެޝަންގައި ރާއްޖެއިން ޖަވާބުދާރީވާނެ ކަމަށެވެ. މިކަންކަން ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
މި ޢިލްތިމާސްތައް ޤަބޫލުކުރާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، ނޭޝަނަލް މެކޭނިޒަމް ފޮރ އިޕްލިމެންޓޭޝަން، ރިޕޯޓިންގ އެންޑް ފޮލޯ-އަޕް (އެން.އެމް.އައި.އާރު.އެފް) ގެ ތެރެއިން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކަށާއި، އިސްލާމްދީނުގެ އަޞްލުތަކަށް ރިޢާޔަތް ކުރާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ޔަޤީންކޮށްދެއްވާފައެވެ. މިއީ ރާއްޖޭގެ ދާޚިލީ ޤާނޫނީ އޮނިގަނޑާއި ދީނީ އަސާސްތަކަށް ބުރަވެގެން ބައިނަލްއަޤްވާމީ ޢިލްތިމާސްތަކަށް ޢަމަލުކުރުމަށް ރާއްޖެއިން ގެންގުޅޭ ސިޔާސަތެވެ.