ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، "ބޯހިޔާވަހިކަން އެންމެނަށް" ގެ ދަށުން ގޯއްޗާއި ފްލެޓު ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު 4 ޖެނުއަރީ 2026 އިން ފެށިގެން ހުޅުވާލާނެކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.
މި ފުރުޞަތު ހުޅުވާލާފައިވަނީ 03 މާރިޗު 2026 ގެ ނިޔަލަށެވެ. މިކަމާ ގުޅޭގޮތުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވަނީ ގްރޭޓަރ މާލެ ސަރަޙައްދުންނާއި ރަސްމާލެއިން ބިން ދޫކުރުމުގެ އުސޫލު ގެޒެޓުކޮށްފައެވެ.
މި ސްކީމުގެ ދަށުން ޖުމްލަ 15000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، މި ގޯތިތައް ބެހިފައިވާ ކެޓަގަރީތައް ވަނީ އިޢުލާނުކުރައްވާފައެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި އުސޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ ގޯތިތައްކަމަށެވެ. މިއީ މާލޭގެ ރައްޔިތުންނަށް ދިރިއުޅުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތެކެވެ.
ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމުގެ އުސޫލާއި ޝަރުތުތައް އަދި ޕޮއިންޓްދޭނެ އުސޫލުތަކުގެ ޤަވައިދު މިހާރުވަނީ ސަރުކާރުގެ ގެޒެޓުގައި އާއްމުކޮށްފައެވެ. އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ މަސައްކަތްތައް ކުރިއަށްގެންދާ www.hiyaavehi.gov.mv މެދުވެރިކޮށެވެ.
އެގޮތުން އެޕްލިކޭޝަން ހުށަހެޅޭނީ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުޞޫލު" ނުވަތަ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުޞޫލު" ގެ ތެރެއިން ކޮންމެވެސް އެއް އުޞޫލެއްގެ ދަށުންކަން ވުޒާރާއިން ފާހަގަކުރައްވައެވެ. މާލޭގެ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން މި ފަށާފައިވާ މަޝްރޫޢަކީ ގިނަ ބަޔަކަށް އުއްމީދު ގެނެސްދޭނެ މަޝްރޫޢެކެވެ.