ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ގުދުރަތީ ނިޒާމުތައް ހިމާޔަތްކުރުމަށް ހިންގާ "ކޮންޒަރވޭޝަން އޮފް އެޓޯލް އިކޯސިސްޓެމްސް ތްރޫ އެން އިފެކްޓިވްލީ މެނޭޖްޑް ނޭޝަނަލް ޕްރޮޓެކްޓެޑް އޭރިއާ އެސްޓޭޓް" (ޖީ.އީ.އެފް.7 ކެޓެނޭޓް ޕްރޮޖެކްޓް) ގެ އަހަރީ ބެލެހެއްޓުމުގެ ދަތުރުގެ ތެރެއިން، އައި.ޔޫ.ސީ.އެން (IUCN) މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ފައިޒްއާއި، މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތޮފާއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ބޭއްވުނީ، ކެޓެނޭޓް މަޝްރޫޢުގެ ފަންނީ އަދި މާލީ ކުރިއެރުންތައް ދެނެގަނެ، ކުރިއަށް އޮތްތަނުގައި މަޝްރޫޢު ހިންގުމަށް ބޭނުންވާ އިތުރު މަޝްވަރާތައް ކުރުމުގެ ގޮތުންނެވެ. އައި.ޔޫ.ސީ.އެން. ޓީމުން ވަނީ މަޝްރޫޢުގެ މިހާރުގެ ހާލަތާއި، ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އަދި ހޯދިފައިވާ ކާމިޔާބީތަކާ ގުޅޭގޮތުން ވަޒީރު ފައިޒްއާއި ޕަރމަނަންޓް ސެކްރެޓަރީއާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ކެޓެނޭޓް މަޝްރޫޢަކީ ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ބާރުއަޅާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން، ރާއްޖޭގެ ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތައް ހަރުދަނާކޮށް، ގުދުރަތީ މާހައުލު ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށްދާނެއެވެ.
ހަބަރު: ސަރުކާރު