ޤައުމުގެ އިޤްތިޞާދު ފުން އަނދަވަޅަކަށް ވެއްޓިފައި އޮތް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ހިކުމަތްތެރިކަމާއި ރޭވުންތެރިކަމާއެކު މިއަދު ވަނީ އެ އަނދަވަޅުން އިޤްތިޞާދު ނަންގަވާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ބޭއްވި "ހަފްތާ 104" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް މިކަން ފާހަގަކުރެއްވީ، ސަރުކާރުގެ އިޤްތިޞާދީ ކާމިޔާބީތަކަށް އަލިއަޅުވާލައްވަމުންނެވެ.
މަޖިލިސް ރައީސް ވިދާޅުވި ގޮތުގައި، ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތް ހާލަތަކީ ވަރަށް ގިނަ ބަޔަކު ޤައުމު ބަނގުރޫޓުވާނެ ކަމަށް އުއްމީދުކޮށްގެން ތިބި ހާލަތެކެވެ. އެގޮތުން، ޤައުމު އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފައި ކަމަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތުވެސް އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ރައީސްގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން މިހާރު ވަނީ އެ ހާލަތު ބަދަލުކުރެވިފައެވެ.
ޢަބްދުއްރަޙީމް ވިދާޅުވިއެވެ: "ނަމަވެސް އިދިކޮޅު ފަރާތްތަކުން އުއްމީދުކުރި ގޮތަށް ޤައުމު ބަނގުރޫޓު ވިޔަނުދީ، ދައްކަންޖެހޭ ދަރަނި ދައްކައި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތަކަށް ބުރުލެއް ނާރާ، ބަރާބަރަށް މުސާރަ ދީގެން މިހާތަނަށް އައިއައުން އަޅުގަނޑު ސިފަކުރާނީ ވަރަށް ކާމިޔާބު ކަމެއްގެ ގޮތުގައި."
އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، އަދުގެ ސަރުކާރުން އިގްތިސާދު ކުރިއެރުވުމަށް މަސައްކަތް ކުރަމުން ގެންދަވަނީ ކުރީ ސަރުކާރުން ފައްޓަވާފައިހުރި މަޝްރޫއުތަކަށް އިސްކަންދެއްވައި، އެ މަޝްރޫޢުތަކާއެކު އައު މަޝްރޫއުތައްވެސް ފައްޓަވަމުން ކަމަށެވެ. މިއީ އިޤްތިޞާދީ ކުރިއެރުމަށްޓަކައި މުހިންމު ސިޔާސަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅުތަކުގެ ތެރެއިން ބޭރުފައިސާއާ ބެހޭ ޤާނޫނަށް ގެންނެވި އިސްލާހުތަކަކީ ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ ކަމެއް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. މި އިސްލާހުތަކުގެ ސަބަބުން ރާއްޖޭގައި ޑޮލަރު ލިބުމުގައި އޮތް ދަތިކަމަށް ހައްލު ލިބިގެންދިޔަ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ވިޔަފާރިވެރިންނަށް ބޭނުންވާ ބޭރު ފައިސާ ލިބި، ރާއްޖޭގެ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ކުރިއަރައިގެން ގޮސްފައިވާކަން އޭނާ ވިދާޅުވިއެވެ.