ހުޅުމާލޭގައި އިތުރު އިސްރަށްވެހިންގެ ނާދީއެއް ތަރައްޤީކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ހުޅުމާލޭގައި އިތުރު އިސްރަށްވެހިންގެ ނާދީއެއް ތަރައްޤީކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

އިސްރަށްވެހިންގެ އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަޤްސަދުގައި، ހުޅުމާލޭގައި އިތުރު އިސްރަށްވެހިންގެ ނާދީއެއް ޤާއިމްކުރުމަށްޓަކައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި މަސައްކަތަކީ، އުމުރުން ދުވަސްވީ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ފުޅާކޮށް، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

މި އިސްރަށްވެހިންގެ ނާދީގެ މައިގަނޑު މަޤްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކަށް އެންމެ ފުރިހަމައަށް ޚިދުމަތް ދެވޭނެ އިތުރު މަރުކަޒެއް ހުޅުމާލޭގައި ޤާއިމްކުރުމެވެ. މި މަރުކަޒު ތަރައްޤީކުރެވޭނީ އިސްރަށްވެހިން ބޭނުންވާ ޚިދުމަތްތަކާއެކު، އެ ފަރާތްތަކަށް ތަފާތު އިޖުތިމާޢީ އަދި ހަށިގަނޑުގެ ހަރަކާތްތައް ހިންގޭނެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައެވެ.

އަލަށް ޤާއިމްކުރާ ނާދީގައި އިސްރަށްވެހިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދެވޭނެއެވެ. އެގޮތުން، ހިތްހަމަޖައްސާލައި އަރާމުކޮށްލުމަށް މަޑުކޮށްލެވޭނެ ސަރަހައްދުތައް ހިމެނޭނެއެވެ. މީގެ އިތުރުން، ހިތްފަސޭހަ ކޮށްލުމަށް ބޭރަށް ނުކުމެވޭނެ ޖާގައިގެ އިތުރުން، ފޮތް ކިޔުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާގައެއްވެސް މި ނާދީގައި ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތަށް ތަރައްޤީކުރެވޭ މާހައުލަކީ އިސްރަށްވެހިންނަށް އެކުވެރިވެ، ވަގުތު ހޭދަކޮށްލުމަށް އެކަށީގެންވާ ތަނަކަށް ވާނެއެވެ.

އިސްރަށްވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ތަރައްޤީ ކޮށްފައިވާ ނާދީން މިއަހަރުގެ ކުރީކޮޅު ޚިދުމަތްދޭން ފެށިއިރު، އެތަނަށް ވަނީ އިސްރަށްވެހިންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައެވެ. މި އިތުރު ނާދީއާއެކު، ހުޅުމާލޭގެ އިސްރަށްވެހިންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ފުޅާވެ، އެ ފަރާތްތަކުގެ އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން