ނުކުޅެދުންތެރިކަން ހުންނަ 333 މީހަކަށް ވަޒީފާގެ ފުރުޞަތު މިދިޔަ 2 އަހަރުގެ ތެރޭގައި ވަނީ ދެވިފަ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ނުކުޅެދުންތެރިކަން ހުންނަ 333 މީހަކަށް ވަޒީފާގެ ފުރުޞަތު މިދިޔަ 2 އަހަރުގެ ތެރޭގައި ވަނީ ދެވިފަ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ 333 މީހަކަށް ވަޒީފާގެ ފުރުޞަތު ވަނީ ހޯދައިދެވިފައެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، "ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104" މިނަމުގައި ޒުވާނުންގެ މަރުކަޒުގެ ހޯލުގައި މިރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އިޖްތިމާޢީ ރައްކާތެރިކަމުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މީގެ ކުރިން އެންމެ ރަނގަޅަށް ސަމާލުކަން ދެވިފައިނުވާކަމަށެވެ. އެހެންކަމުން، އެ ފަރާތްތަކަށް އެކި ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދެއްވި އަހަންމިއްޔަތުކަމުގެ ތެރެއިން، ސަރުކާރުގެ ކުންފުނިތަކާއި ސިވިލްސާރވިސްގެ ތެރެއިން ޖުމްލަ 333 ފަރާތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މި ތަފާސްހިސާބުތަކަށް ބަލާއިރު، ސަރުކާރުގެ ކުންފުނިތަކުން 288 ފަރާތަކަށް ވަޒީފާގެ ފުރުސަތު ދީފައިވާއިރު، ސިވިލްސާރވިސްގެ ތެރެއިން 45 ފަރާތަކަށް ވަޒީފާ ވަނީ ދެވިފައެވެ.

މިކަމުން ދައްކުވައިދެނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން އިޖްތިމާޢީ އަދި އިޤްތިޞާދީ ދާއިރާގައި އިތުރުކުރުމަށް ސަރުކާރުން ދޭ ސަމާލުކަމާއި އަޅާ ފިޔަވަޅުތަކެވެ. މިފަދަ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެފަރާތްތަކަށް އަމިއްލަ ދިރިއުޅުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ.

މިއަދު އޮންލައިން