އަންނަ އަހަރު ރާއްޖޭގައި މުހިންމު ބޮޑު އިންވެސްޓްމެންޓެއްގެ ގޮތުގައި ހައި ޕަރފޯމެންސް ސެންޓަރެއް ޤާއިމުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
އަންނަ އަހަރު ރާއްޖޭގައި މުހިންމު ބޮޑު އިންވެސްޓްމެންޓެއްގެ ގޮތުގައި ހައި ޕަރފޯމެންސް ސެންޓަރެއް ޤާއިމުކުރަނީ

ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނައުމަށްޓަކައި، އަންނަ އަހަރު ރާއްޖޭގައި މުހިންމު ބޮޑު އިންވެސްޓްމެންޓެއްގެ ގޮތުގައި ހައި ޕަރފޯމެންސް ސެންޓަރެއް (އެޗް.ޕީ.ސީ) ޤާއިމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށްޓަކައި، ޒުވާނުންގެ މަރުކަޒުގެ ހޯލުގައި މިރޭ ބޭއްވެވި "ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104" މިނަމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ސެންޓަރު ޤާއިމުކުރުމަކީ ރާއްޖޭގެ ކުޅިވަރުގެ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑަށް އެރުވުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެތުލީޓުން ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޕްލެޓްފޯމުތަކުގައި ވާދަކުރާނަމަ ބޭރުގެ އެތުލީޓުން އައިސް، ރާއްޖޭގައިވެސް ތަމްރީނުތައް ހަދަން އެބަޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް މި މަޝްރޫޢަކީ ވަރަށް މުހިންމު މަޝްރޫޢެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ހައި ޕަރފޯމެންސް ސެންޓަރުގެ މުހިންމުކަން ބަޔާންކުރައްވަމުން ރައީސް ވިދާޅުވީ، "އެ ހައި ޕާފޯމެންސް ސެންޓު ވެގެންދާނީ އިރާދުކުރެއްވިއްޔާ ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމަށް އެޅިގެންދާނެ އެންމެ މުހިންމު އެންމެ ފުރަތަމަ ފިޔަވަޅަށް" އެވެ. މިއީ ރާއްޖެއަށް ބައިނަލްއަޤްވާމީ ކުޅިވަރުގެ މައިދާނުގައި ލިބޭނެ އިތުރު ފުރުސަތެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވަނީ ހައި ޕަރފޯމެންސް ސެންޓަރު ނެތްނަމަވެސް ރާއްޖޭގެ އެތުލީޓުން ހޯދަމުންދާ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. އެގޮތުން ދާދިފަހުން ރާއްޖޭގެ އެތުލީޓުން ހޯދި ކުޅިވަރުގެ ކާމިޔާބީތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ. މި ސެންޓަރު ޤާއިމުވުމާއެކު، ރާއްޖޭގެ ކުޅިވަރުގެ މުސްތަޤުބަލު އިތުރަށް އުޖާލާވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.

މިއަދު އޮންލައިން