ގޭންގު ކުށްތައް ހިންގުމާއި މަސްތުވާތަކެތީގެ ވަބާއާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކަށް މި ދައުރުގެ ތެރޭގައި ހައްލު ގެނެސްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ދެ އަހަރުގެ ކާމިޔާބީތައް ޙިއްސާކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އެންމެ އިސްކަންދެއްވާ އެއް ތަރައްޤީއަކީ ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހިލައިގެން ދިރިއުޅެވޭނެ މުޖުތަމަޢެއް ބިނާކޮށްދިނުން ކަމަށާއި، މިކަމަށް ހުރަސް އަޅާ ޒަމާންވީ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
އިޖުތިމާޢީ މި މައްސަލަތަކުގެ ތެރެއިން ރައީސް ފުރަތަމަ އަލިއަޅުއްވާލެއްވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ބަޔޮމެޓްރިކްސް ޑޭޓާ ނެގުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. "މި 3 މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފިން." ރައީސް ވިދާޅުވިއެވެ. މިހާރު ދެން ހިންގާ އޮޕަރޭޝަނެއް ނުވަތަ ރައްޔިތަކުދޭ މަޢުލޫމާތެއް މެދުވެރިކޮށް ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ދެނެގަނެވިއްޖެނަމަ ވަގުތުން ޑީޕޯޓްކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ވަބާއަށް ހައްލު ހޯދުމަށް ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް އެންމެ މަތީ އަދަބު ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މިކަމުގެ ސަބަބުން މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވައި، މުޅި މައްސަލައަށް ވަށައިޖެހޭ ހައްލެއް ލިބޭނެކަމަށް ޤަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މަސްތުވާތަކެއްޗާ ދެވިހިފާފައިވާ މީހުން އަލުން އަނބުރާ މުޖުތަމަޢަށް ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި، ލ. ގަމާއި ނ. ވެލިދޫއާއި ކ. ކާށިދޫގައި ރީހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގޭންގުގެ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ގޭންގުތައް ހުއްޓުވުމުގެ ޤާނޫނު ވުޖޫދުވުމާއެކު އެފަދަ ހަރަކާތްތައް ހިންގާ ގުރޫޕުތައް މަދުވެފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއީ މި ދާއިރާއިން ހޯދުނު ބޮޑު ކާމިޔާބެއް ކަމަށާއި، އިޖުތިމާޢީ ކުށްތައް ހުއްޓުވުމަށް ސަރުކާރުން އަބަދުވެސް އިސްކަންދެއްވާނެ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ މި ތިން ބޮޑެތި އިޖުތިމާޢީ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މި މައްސަލަތައް މި ދައުރުގެ ތެރޭގައި ހައްލުކޮށް، ރައްޔިތުންނަށް އަމާންކަން ލިބިގެންވާ މާހައުލެއް ބިނާކޮށްދިނުމަކީ ސަރުކާރުގެ އަޒުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.