ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި 6223 އެނދު އިތުރުކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ފާހަގަކުރައްވާފައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ފާއިތުވެދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށާއި، ނަމަވެސް މިއަހަރުގެ ނިޔަލަށް މިއަށްވުރެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މި އުންމީދުތައް އިތުރުވަނީ ފަތުރުވެރިކަމަށް ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ އެނދުތައް އިތުރުކުރުމުގެ މަސައްކަތަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވި، އެކަމުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ. ރައީސްގެ ބަސްފުޅުގައި ވާގޮތުން، މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިއަދާއި ހަމައަށް ޖުމްލަ 6223 އެނދު އިތުރުކުރެވިފައިވެއެވެ. އަދި ހަމައެއާއެކު، މިއަހަރުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓަރ ކުރެވުނު އެނދުގެ އަދަދު 2995 އަށް އަރާކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
"ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އޭގެ ނަތީޖާ ހާސިލްކުރެވިފައި މިވަނީ. މިއަހަރު ތެރޭގައި ރާއްޖޭގައި ރަޖިސްޓަރ ކުރެވުނު އެނދުގެ އަދަދު 2995 އެނދު. 17 ނޮވެމްބަރުން ފެށިގެން ބަލައިފިއްޔާ 6223 އެނދު އިތުރުކުރެވިއްޖެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ފަތުރުވެރިކަން އިތުރަށް ލާމަރުކަޒީކުރުމުގެ މަސައްކަތުގެ ދަށުން، އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، އައްޑޫގައި ހުރި ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، އެތަން ހިންގާ ކުންފުންޏަށް މިހާރު އެތަން ހުޅުވައިފިނަމަ ފައިދާ ވާނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ދެކުނުގެ ސަރަޙައްދުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.