މަސްވެރިންނަށް މަހުގެ ފައިސާ ބަރާބަރަށް ދޭން ފެށުމުގެ ސަބަބުން މި ދާއިރާއަށް ގިނަ ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށާއި، ޚާއްޞަކޮށް މަސްދޯނިތަކުން ދުރުވެފައި ތިބި ޒުވާނުން އަލުން މަސްވެރިކަމަށް އެނބުރި އަންނަން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ފާހަގަކުރެއްވުމުގެ އިތުރުން މަސްވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކަށް އަލިއަޅުވާލައްވާފައެވެ. ރައީސް ވިދާޅުވީ، "ބަރާބަރަށް ފައިސާ ދޭންފެށުމުން އޭގެ ހެޔޮ ނަތީޖާވެސް ދަނީ ފެންނަމުން. ކުރިން ފައިސާ ނުދެވުމުގެ ސަބަބުން މަސްދޯނިތަކުން އެތައް ޒުވާނުންނެއް ފޭބި. ނަމަވެސް މިހާރު އެ ފޭބި ޒުވާނުން މަސްދޯނިތަކަށް ދަނީ އަރަމުން. ބޭނުންވަނީ ދޯނިތަކުގައި ގެންގުޅޭ ބޭރު މީހުންގެ ބަދަލުގައި ދިވެހިން ދޯނިތަކަށް ދާން."
ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ހުއްޓުމެއް ނެތި ދުވަހުން ދުވަހަށް މަސްވެރިންނަށް ފައިސާ ދެމުންދާނެކަމަށެވެ. މީގެއިތުރުން މަސްވެރިންނަށް ބޭނުންވާ ކަންކަމާއި ވަޞީލަތްތައްވެސް ސަރުކާރުން ފޯރުކޮށްދެމުންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް މި އަހަރު ނިމޭއިރު ކޮންމެ އަތޮޅަކުންވެސް އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރު ވެރިކަމާ ހަވާލުވިއިރު އައިސްޕްލާންޓްތައް ހުރީ ހަލާކުވެފައިކަމަށާއި، އެހެންނަމަވެސް މިހާރު އަލަށް އެތައް އައިސްޕްލާންޓެއް ޤާއިމްކޮށް، ހަތަރު ރަށެއްގައި އައިސްޕްލާންޓް ހުޅުވާފައިވާ ކަމަށެވެ. އަދި ފަސޭހައިން އައިސް ލިބޭނެ ގޮތް ހަމަޖެއްސުމަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އާރްއެސްޑަބްލިއު (ބޯޓުފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު) ޤާއިމްކުރުމަށް ފޯރުކޮށްދޭ ލޯނުގެ އެހީގައި އެތައް ދޯންޏެއްގައި މިހާރު އެ ނިޒާމުތައް ޤާއިމްކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ކޫއްޑޫ އިތުރަށް ތަރައްޤީކުރުމަށްވެސް މަސްވެރިންގެ އަޑު އަހައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ރައީސް ވިދާޅުވިއެވެ. ޚާއްޞަކޮށް، ކޫއްޑޫގައި މަސްކިރަން ބޭނުންކުރާ ކައްޓާ (ވޭޓް) އާ ގުޅިގެން މަސްވެރިންގެ ފަރާތުން އުފެދޭ ކަންބޮޑުވުންތަކަށް ރައީސް އަލިއަޅުވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މިފްކޯގެ އެމްޑީ ޔަގީންކަން ދެއްވާފައިވާ ގޮތުގައި ޑިސެމްބަރު 10ގެ ކުރިން ކޫއްޑޫގެ ކައްޓާތައް ޑިޖިޓަލް ކުރެވޭނެ ކަމަށެވެ. މީގެ ސަބަބުން މަސްވެރިން ކިރާ މަހުގެ އަގު ބަރާބަރަށް ލިބި، އަގު ލިބުނީމަ އަދި އެޖެހޭ ތަންކޮޅު 16 ރުފިޔާއިން 20 ރުފިޔާއާ ގާތްވެސް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.