އެއިރު އަހުރެންގެ ޢުމުރަކީ 15 އަހަރެވެ. ސްކޫލަށް ދަމެވެ. ކިޔަވާ ދަރިވަރެކެވެ. ކްލާހުގެ އެކުވެރި ކުއްޖެއްގެ ގެއަށް ގޮސް އުޅެމެވެ. އޭނާގެ މަންމަ އޭނާއަށް ވަރަށް ގިނަ އެއްޗެތި ހޯދައިދެއެވެ. އަހުރެންގެ މަންމަ ފަޤީރުވީމާ އެބާވަތުގެ އެއްވެސް އެއްޗެއް ހޯދައެއް ނުދެވެއެވެ.
އެކުވެރިޔާ ގެންގުޅޭ އެއްޗެއްސަށް އަހުރެންވެސް ބޭނުންވާކަން އެނގޭތީ އެއްދުވަހު އެކުވެރިޔާގެ މަންމަ ބުންޏެވެ. "ބޭނުންވެގެން ތިއައުޅޭ ހުރިހާ އެއްޗަކާއި އަދި އިތުރަށްވެސް އެއްޗެތި ލިބިދާނެއެވެ. އިރުކޮޅަކުން މިގެއަށް އަންނަ މީހަކު ބުނާ ކަމެއް ކޮށްލައިދޭށެވެ. އޭނާ ކަލޭ ބޭނުންވާ ވަރަކަށް ފައިސާ ދޭނެއެވެ."
މަންމަ އެދެއްކި ވާހަކަ އަހުރެންނަކަށް އެހައި ސާފެއް ނުވިއެވެ. މިބުނަނީ އެދެއްކި ޥާހަކައިގެ މާނަ ނުއެނގުނު ކަމެވެ. ކޮންމެއަކަސް އެމީހަކު ގެއަށް އައުމުން މަންމަގެ ކޮޓަރީގައި އަހުރެމެން ދެމީހުން ބައިތިއްބާފައި މަންމަ ނުކުމެގެން ހިނގައްޖެއެވެ.
އެމީހާ ދޮރުތަޅުލާފައި ގޮސް ގަމީސްބާލައިގެން އެނދުގައި އޮށޯވެފައި އަހުރެންނަށް ގޮވާލައިފިއެވެ. ޖެހިލުންވެގެން ހުރެވެސް ކައިރިއަށް ދިއައިމެވެ. ބުނީ ލައިގެން ހުރި ހެދުން ބޭލުމަށެވެ. މަންމަ އެދެއްކި ވާހަކަ ރޭކައިލީވެސް އެހިސާބުންނެވެ.
ވަރަށް އަދަބުވެރިކަމާއިއެކު އާދޭސްކޮށްފައި ބުނީމެވެ. "އެއްވެސް އެއްޗެއް ބޭނުމެއް ނޫނެވެ. އަހުރެންގެ ގައިގައި އަތް ނުލަނިކޮށް ނިމުނީއެވެ. ކަލޭގެ ގައިގައި އަތްލަން ނުޖެހޭ ގޮތަށް ކަލޭ ބުނާ ކޮންމެ ކަމެއްވެސް ކޮށްދީފާނަމެވެ. އެކަން ކުރާކަށް ބޭނުމެއް ނޫނެވެ."
އެހެން ބުނުމުން އިރުކޮޅަކު އަނގައިން ނުބުނެ އެނދުގައި އޮވެފައި ތެދުވެ ގަމީސްލައިގެން ނުކުމެގެން ހިނގައްޖެއެވެ. ފަހަތުން އަހުރެންވެސް ނުކުތީމެވެ. ނުކުމެ މަންމަ ޢާއިވެސް އަދި އެކުވެރިޔާ އާއިވެސް އަނގައިން ނުބުނެ އެގެއިން ނުކުމެގެން ގެއަށް ދިއައީއެވެ. ނަމަވެސް މަންމަ ގާތަކު އެއްވެސް ވާހަކައެއް ނުބުނަމެވެ. އެއީ މަންމަ ރުޅި ގަދަވެ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެތީއެވެ. އެއިގެ ފަހުން އެކުވެރިޔާ އާއި ގުޅުމެއް ނުބާއްވަމެވެ. އެގެއަކަށްވެސް ނުދަމެވެ.
އެއިގެ މަހެއްހައި ދުވަސްފަހުން މަންމަ ވަރަށް ހަމަޖެހިލައިގެން އިން ވަޤުތަކު އެދުވަހު ދިމާވިކަންތަކުގެ ވާހަކަ ކިޔައިދިނީމެވެ. ކިޔައިދީ ނިމުނުއިރު މަންމައަށް އިނީ ރޮވިފައެވެ. ރޮމުން ބުންޏެވެ. "ދަރިފުޅަށް ހެޔޮ ވިސްނުން ލިބި ތިއަނުބައިކަމުން ސަލާމަތް ވެވުނީތީ ވަރަށް ބޮޑަށް އުފާވެއްޖެއެވެ. ހާސްހާސްފަށުން ﷲ އަށް ހަމްދުކޮށް ޝުކުރުކުރަމެވެ. އެހެން ބުނެފައި ދެއަތް އުފުލައި އަޅުގަނޑަށްޓަކައި މަންމަ ހެޔޮދުޢާކުރިއެވެ. އަދި އަބަދުވެސް އަޅުގަނޑަށްޓަކައި ހެޔޮދުޢާކޮށްދޭ ކަމަށްވެސް ބުންޏެވެ.
އޯލެވެލް ނިންމި ގޮތަށް ވަނީ އޮފީހަކަށެވެ. ވަޤުތީ ވަޒީފާއަކަށެވެ. އެއީ މަންމަގެ ޙާލަތުހުރި ގޮތުން ފައިސާ ބޭނުންވާތީއެވެ. ދެން ކިޔެވީ މަސައްކަތްކުރަމުންނެވެ.
އެއީ މީގެ 12 އަހަރުކުރިއެވެ. މިއަދު އަޅުގަނޑަކީ އަޅުގަނޑު މަސައްކަތްކުރި އޮފީހުގެ ވެރިމީހާގެ ދަރިފުޅުގެ އަނބިމީހާއެވެ. ކައިވެންޏަށް 8 އަހަރެވެ. 3 ދަރިންވެސް އެބަތިއްބެވެ. ފިރިމީހާވެސް އޭނާގެ ޢާއިލާގެ އެންމެންވެސް އަޅުގަނޑުދެކެ ވަރަށް ލޯބިވެއެވެ. މަންމަ ޢާއި 2 ކޮއްކޮއަށްވެސް ކަންތައްތައް ކޮށްދެނީ ވަރަށް ރަނގަޅަށެވެ. ގެވެސް އަޅައިދީފިއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ބޭނުންވާ ކަންކަން ފަޤީރުވީމާ ނުކުރެވުނަސް، ބޭނުންވާ އެއްޗެތި ނުލިބުނަސް ޙަރާމް ކަންކަން ކޮށްގެން ފައިސާ ނުހޯދީމާ ދެއްވަވާ ނިޢުމަތް މާބޮޑުވާނެއެވެ.
- ޝަރަފިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް