2.2 ބިލިޔަން ރުފިޔާގެ ޑްރަގްސް މިދިޔަ 2 އަހަރުތެރޭގައި ވަނީ ހިފަހައްޓާފަ: ވަޒީރު އަލީ އިޙްސާން

މިއަދު
ކިޔުމަށް ހޭދަވާނީ 2މ
2.2 ބިލިޔަން ރުފިޔާގެ ޑްރަގްސް މިދިޔަ 2 އަހަރުތެރޭގައި ވަނީ ހިފަހައްޓާފަ: ވަޒީރު އަލީ އިޙްސާން

މިދިޔަ ދެ އަހަރުގެ ތެރޭގައި 2.2 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މި ދެ އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުން ހިތްހަމަޖެހޭ ވަރުގެ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާ ކަމަށެވެ.

ވަޒީރު އިޙްސާން ވިދާޅުވީ، މަސްތުވާތަކެތީގެ ސަޕްލައި ރެޑިއުސް ކުރުމަށް ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ކުރެވުނު އެންމެ ބޮޑެތި މަސައްކަތްތައް މި ސަރުކާރުން ކޮށްފައިވާ ކަމަށެވެ. އެގޮތުން، މަގުމަތީގެ ވެލިއުއިން ބަލާނަމަ، 2.2 ބިލިޔަން ރުފިޔާގެ ޑްރަގްސް މިދިޔަ ދެ އަހަރުތެރޭގައި ހިފަހައްޓާފައިވާ ކަމަށާއި، މިއީ އެންމެ ގިނަ އަދަދަށް ޑްރަގް ހިފެހެއްޓުނު ދެ އަހަރު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން މި މިންވަރަށް މަސައްކަތް ނުކުރިނަމަ، ރާއްޖޭގެ ޒުވާނުންނާއި ކުޑަކުދިންވެސް މި ނުރައްކާތެރި ވަބާގައި އިތުރަށް ޖެހުނީސް ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ކާމިޔާބީތައް ހާސިލުކުރެވުނީ ދިވެހި ފުލުހުންނާއި ކަސްޓަމްސްއިން ކުރާ ބުރަ މަސައްކަތުންކަން ވަޒީރު އިޙްސާން ވަނީ ފާހަގަކުރައްވާފައެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް މުޅި ރާއްޖޭގައި ދާދިފަހުން ކުރިއަށްގެންދިޔަ ޑްރަގް އޮޕަރޭޝަނަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް، އިސްލާމީ ޝަރީއަތުގައި ދެވެން އޮންނަ އެންމެ ބޮޑު އަދަބު ލިބޭ ގޮތަށް ޤާނޫނު އިސްލާހުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ، މި ނުރައްކާތެރި ވަބާއިން ޤައުމު ސަލާމަތްކުރުމުގައި އެމަނިކުފާނުގެ ސީރިއަސްކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެންމެ އިސްކަން ދެއްވަނީ އެތަކެތީގެ ވިޔަފާރިތައް ހުއްޓުވުމާއި، ބޭނުންކުރާ ފަރާތްތައް ރިހެބިލިޓޭޓް ކުރުމަށް ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާއެކު، ރާއްޖެއަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތައް ހައްލުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ޑްރަގްގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން