އަޅުގަނޑު މީގެ ކުރިން މީހަކާ އިދެގެން 4 ކުދިން ތިބޭނެއެވެ. ކުރީގެ ފިރިމީހާގެ އަޅާނުލުމާއި ފިރިމީހާގެ ރުޅިގަދަކަމާއި، ބޭވަފާތެރިކަމަށް، ކެތްކޮށްގެން ދަރިންގެ ހައްޤުގައި 15 އަހަރު ވަންދެން އުޅުނީމެވެ. އެހެންނަމަވެސް އެ ހިތްދަތި ކަމާއެކު ދަރިންނަށް އޭގެ ނުބައި އަސަރު ކުރާނެތީ އަޅުގަނޑު ވަރަށް ހިތްވަރުކޮށް ދަރިންގެ މުސްތަޤުބަލަށް ވިސްނައި ދަރިންނަށް ނޭދެވޭ އަސަރު ކުރުމަށް ނޭދޭތީ އެކައިވެނިން ސަލާމަތްވީމެވެ.
އޭގެ ފަހުން ދިރިއުޅެމުން އައީ އަމިއްލައަށް ލިބޭ އެއްޗަކުންނެވެ. އެހެންނަމަވެސް އަޅުގަނޑު ދިރިއުޅެނީ ތަނެއް ކުއްޔަށްކަމުން ވަރަށް އާދޭސްކޮށްގެން ދަރިންގެ ބައްޕަ ކުދިންގެ ޚަރަދަށް ފައިސާ ފޮނުވައެވެ. އެހެންނަމަވެސް ކުދިންނާ އެއްވެސް ގުޅުމެއް ނުބާއްވައެވެ.
އޭގެ 3 އަހަރު ފަހުން އަޅުގަނޑާއި ވަރަށް ރަނގަޅު މީހަކާއި ދިމާވިއެވެ. ގޯސް ވާހަކައެއް ނުދައްކައެވެ. އަޅުގަނޑުގެ އެކަނިވެރިކަމުގެ ފައިދާ ނަގާކަށްވެސް ނޫޅެއެވެ. މިހާރު މިއުޅޭ މީހުންނާއި ތަފާތު މީހެކެވެ. ރައްޓެހިވެގެން ލޯބީގެ ގުޅުމެއް ބާއްވަން ބޭނުން ނުވާކަމާއި ކައިވެނި ކުރަންޏާ ގުޅުން ކުރިއަށް ގެންދަން ބުނީމެވެ.
އަޅުގަނޑު ފިރިމީހާއަޢި ކައިވެނީ ކުރީ ދެ އަންތބަށެވެ. އެއީ ދެމީހުންނާ ދޭތެރޭވެސް ހަމަހަމަކޮށް އިންސާފުން ކަންތައް ކުރާނޭ ކަމަށް ވަޢުދުވީމައެވެ. އެހެންނަމަވެސް އަޅިގަނޑުގެ ފިރިމީހާ އަޅުގަނޑު ކައިރީ ނިދީ ކައިވެނި ކުރެވުނު ރޭ އެކަންޏެވެ. ދޮށީ އަނބި މައްސަލަ ޖައްސާތީ އަދި އެދެމީހުންގެ ދަރިއެއް ހުރުމާއެކު ދަރިއަށް އަޑުއިވޭގޮތަށް ދޮށީ އަނބި ހަޅޭއްލަވާ އަޑުގަދަކޮށް ޒުވާބު ކުރާތީ މައްސަލަ ހަމައަކަށް އެޅެންދެން ދުވަސްކޮޅެއް ދިނުމަށް ފިރިމީހާ އެދުނެވެ. ދުވާލު ގަޑީގައި ފިރިމީހާ އަޅުގަނޑު އުޅޭ ގެއަށް އައިސް އުޅެއެވެ. އެކަމަކު އެއީ ވަރަށް މަދު ވަގުތުކޮޅަކަށެވެ. އަޅުގަނޑަކީވެސް ވަޒީފާއަށްދާ މީހެއްކަމުން ދުވާލު ފިރިމީހާ އަންނަ ގަޑިއަށް އޭނަގެ ބޭނުންތަކަށް އިޖާބަދޭން އަޅުގަނޑު ސިކުނޑި ރެޑީއެއްނުވެއެވެ. ފިރމީހާ ފެނުމުން އަޅުގަނޑުވެސް އިންސާނެއްކަމުން ބޭނުންވާ ކަންކަން ހުރިނަމަވެސްމެއެވެ.
އަޅުގަނޑު ފިރިމީހާ ދެކެ ވަރަށް ލޯބިވެއެވެ. އެކަމަކު ބޭ އިންސާފުން ކަންތައްކުރުން އެއީ ބަލައިގަނެވޭނޭ ކަމެއްނޫނެވެ. ހައްޤު މިންވަރަކީ ދިން މިންވަރު ކަމަށް ރުހިގެން އިންނާކަށްވެސް ބޭނުމެއްނޫނެވެ. އަދުލުވެރިކަމާއެކު ކަންތައް ނުކޮށްދެވެންޏާ ﷲ އަށް ބިރުވެތިވެ އަޅުގަނޑު ވަރިކޮށްދޭށޭވެސް ބުނެފީމެވެ. އެކަމަކުވެސް އޭނާ އަޅުގަނޑު ވަރި ކުރާކަށްވެސް ބޭނުމެއްނުވެއެވެ.
އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދެވަނަ އަންތބަކާ ކައިވެނިކުރަންވާނީ އެކަމަށް ތައްޔާރުވެގެންނެވެ. ދަރިން ތިބިނަމަ އެކަން ކުރިންވެސް އެނގޭއިރު ކައިވެނީގެ ފަހުން ދަރިންގެ މައްސަލަ ނެގުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ހަމައެއާއިއެކު ދެވަނަ އަނބި ކައިރިއަށް ނިދަންދާނެ ވަޤުތަކީ ދަރިން ނިދާފައި ތިބޭނެ ވަޤުތުކަމަށްވާއިރު އެއީ ޢުޛުރަކަށް ދެއްކޭނެ ކަމެއް ކަމަކަށްވެސް ޤަބޫލެއް ނުކުރަމެވެ.
އަޅުގަނޑު ހަދަންވީ ކިހިނެއްތޯއެވެ؟ ކައިވެނި ރޫޅޭކަށް ބޭނުމެއްނޫނެއެވެ. އެކަމަކު އަޅުގަނޑުގެ ހައްޤު ނުލިބި ބޭއިންސާފުން ކަންތައްކުރާއިރު އެކަމަށް ރުހިގެން އިންނާކަށްވެސް ބޭނުމެއްނޫނެވެ.
ކޮންމެ ނަމާދަކަށްފަހު ފިރިމީހާއަށް ހެޔޮ ވިސްނުން ދެއްވާ އަދުލުވެރި މީހަކަށް ވުމަށް ދުޢާކުރަމެވެ.
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ކައިވެންޏަށްފަހު އަނބިމީހާގެ ޙައްޤުތައް އަދާނުކުރާނަމަ އެއޮތީ ކައިވެނީގެ ބޭނުން ކެނޑިފައެވެ. ޙިމާޔަތާއި ރައްކައުތެރިކަމެވެ. ޚަރަދުތަކެވެ. ލޯތްބާއި އަޅައިލުން ދިނުމެވެ. މިހުރިހާ ކަމެއްގެ ކުރިއަށްވެސް އެކުގައި ނިދުން ޢިލްމުވެރިން ނެރުއްވައެވެ.
ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޙާލަތު ނިޔާކުރާ ގޮތަކުން ފަހަރެއްގައި އެހެން ޙައްޤެއް އެންމެ ފުރިހަމައަށް އަދާ ނުކުރެވުނަސް އެކުގައި ރޭކުރަންޖެހޭ ރޭތަކުގައި (ދެވަނަ އަނބިވީމަ ދެރެއިން އެއް ރޭ) ރޭނުކުރެވެންވީ ސަބަބެއް އޮވެގެން ނުވާނެއެވެ.
ދުވާލަށް ވަކި އަންތްބެއް ރޭގަނޑަށް ވަކި އަންތބެއް ހެދުން ހުއްދަވާނީ އެގޮތަށް އަނބިން ރުހޭނަމައެވެ. ވީމާ ރޭގަނޑާއި ދުވާލު ތަފާތުކުރަންބޭނުންނަމަ އެކަންވެސް ކުރަން އޮތީވެސް ދެއަނބިން ހަމަހަމަވާ ގޮތަށެވެ.
ޢިލްމްވެރިން ވިދާޅުވާ ގޮތުގައި ފިރިމީހާ ދެވަނަ އަންތބަކު ހޯދައިފިނަމަ ހަމަހަމަކުރަން ދޮށީ އަނބިމީހާވެސް ހުރަސް އަޅައިގެންނުވާނެއެވެ. އަދި ހަގު އަނބިވެސް އެކަމަށް ހުރަސްއަޅައިގެން ނުވާނެއެވެ. ސަބަބަކީ ދެއަނބިންގެ މެދުގައި ހަމަހަހަމަކުރުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ.
ދެން ތިޔަ ޙާދިސާއަށް ބަލާއިރު ކައިވެނި ކުރީ އަންތބަކާއި ދަރިއެއް ހުރިކަން އެގި ކަމަށްވާއިރު ކައިވެނި ކުރުމަށްފަހު 2 ވަނަ އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤު އަދާނުކުރަން އެކަންކަން ބަހަނާއަކަށް ދެއްކުމަކީ އިންޞާފެއް ނޫނެވެ. ފިރިހެނަކަށް އެއް އަންތބަށްވުރެ ގިބަ އަނބީން ހުއްދަކޮށްފައި އޮންނަނީވެސް އެބައިމީންގެ މެދުގައި ހަމަހަމަ އަށް ކަންތައްތައް ކުރެވޭނެ ކަމަށް ވާނަމައެވެ.
ޢަމަލުކުރާނެ ގޮތަކާއިބެހޭ ގޮތުން ސުވާލުކޮށްފައިވާތީ ބުނަމެވެ. ކަންކަން އިޞްލާޙްކުރަން މުއްދަތެއް ދޭށެވެ. އަހަރުތަކެއް މަސްތަކެއް ނޫނެވެ. މަހެއްހައި ދުވަހެވެ. އިޞްލާޙް ނުކުރިނަމަ ތިއައީ ކާމިޔާބުކުރެވޭނެ ކައިވެންޏެއް ކަމަށް ޤަބޫލުކުރަން އުނދަގުލެވެ. ބޭހަކީ ހިތި އެއްޗެކެވެ. ނަމަވެސް ބަލިވީމާ ޖެހޭނީ ބޭސްބޯށެވެ. ޝިފާލިބޭނީ އެއިރުންނެވެ.