މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި ކުރި މަސައްކަތުން ގޭންގު ކުށްތައް ކުރިއަށްވުރެ 23 އިންސައްތަ މަދުވެއްޖެ: ދާޚިލީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި ކުރި މަސައްކަތުން ގޭންގު ކުށްތައް ކުރިއަށްވުރެ 23 އިންސައްތަ މަދުވެއްޖެ: ދާޚިލީ ވަޒީރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ގޭންގު ކުށްތައް ކުރިއަށްވުރެ 23 އިންސައްތަ މަދުވެފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިއީ އިޖުތިމާޢީ ކުށްތައް މަދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ކާމިޔާބެއް ކަމަށް ދާޚިލީ ވަޒީރު ފާހަގަކުރެއްވިއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ގޭންގު ކުށްތައް ހުއްޓުވުމަށްޓަކައި ޤާނޫނު އިސްލާޙުކުރުމަށްފަހު، ފުލުހުންގެ ތެރޭގައި ގޭންގު ކުށްތައް ހުއްޓުވުމަށް ޚާއްސަ ތަޙްޤީޤީ ޔުނިޓެއް އުފައްދާފައިވާ ކަމަށެވެ. ސަރުކާރުގެ މިފަދަ ހަރުދަނާ މަސައްކަތްތަކުގެ ސަބަބުން މިހާރު ގޭންގު ކުށްތައް ވަނީ ފާހަގަކުރެވޭ މިންވަރަކަށް މަދުވެފައެވެ.

ގޭންގު މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ދެމިތިބި ކަމުގެ ޔަޤީންކަން ދެއްވަމުން ވަޒީރު އިޙްސާން ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުން ޤަބޫލުކުރާ މިންވަރަށް ގޭންގުގެ މައްސަލަ ޙައްލުކުރާނަން."

ދާޚިލީ ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުޢިއްޒު އެންމެ އިސްކަންދެއްވާ އިޖުތިމާޢީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ގޭންގުތައް ހުއްޓުވުން ހިމެނެއެވެ. މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ދެމުންގެންދާ މުހިންމު ސިޔާސަތެކެވެ. މި މަސައްކަތްތައް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

މިއަދު އޮންލައިން