"މޯލްޑިވްސް ފަސްޓް ޕޮލިސީ" އަކީ މިއަދު ބޭރުގެ ޤައުމުތަކުންވެސް ބަލައިގަންނަ ސިޔާސަތެއް: ޚާރިޖީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 5ސ
"މޯލްޑިވްސް ފަސްޓް ޕޮލިސީ" އަކީ މިއަދު ބޭރުގެ ޤައުމުތަކުންވެސް ބަލައިގަންނަ ސިޔާސަތެއް: ޚާރިޖީ ވަޒީރު

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސަކީ ދިވެހި ރައްޔިތުންނާއި ޤައުމުގެ މަސްލަޙަތު އަބަދުވެސް އިސްކުރުން ކަމަށާއި، މި ސިޔާސަތު ކަމަށްވާ "މޯލްޑިވްސް ފަސްޓް ޕޮލިސީ" އަކީ މިއަދު ބޭރުގެ ޤައުމުތަކުންވެސް ބަލައިގަންނަ ސިޔާސަތެއް ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސަކީ ރާއްޖެއާއި ދިވެހިންގެ މަސްލަޙަތު އަބަދުވެސް އިސްކުރުންކަމަށެވެ. އަދި ރާއްޖެއަށް ފައިދާހުރި ކޮންމެކަމެއް ކޮށްދޭ ބަޔަކާއެކުވެސް ގާތްގުޅުމެއް ރާއްޖޭން ބާއްވާނެކަމަށާއި، "މޯލްޑިވްސް ފަސްޓް ޕޮލިސީ" އަކީ މިއަދު ބޭރުގެ ޤައުމުތަކުންވެސް ބަލައިގަންނަ ސިޔާސަތެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޚާރިޖީ ސިޔާސަތު ގެންގުޅުއްވާ ގޮތް ދިވެހި ރައްޔިތުންނަށް ވަރަށް ހާމަކަން ބޮޑުކޮށް ވިދާޅުވެދެއްވާފައިވާ ކަމަށެވެ. "އެންމެ ފުރަތަމަ ދިވެހި ޤައުމު، ދިވެވެހި ޤައުމަށް ބޭނުންވާ ކަންކަން ހާސިލުކޮށްދިނުމަށްޓަކާ އެކުރެވޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާ އެއްކޮށް އެންމެ ބާރުމިނުގައި އަޅުގަނޑުމެން ކުރިއަށްދާނީ،" ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޑރ. ޢަބްދުﷲ ޚަލީލް އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒު ރާއްޖޭން ބޭރަށް ކުރެއްވި ހައި ލެވެލް ސްޓޭޓް ވިޒިޓްތަކާއި، އެކި ޤައުމުތަކުގެ ލީޑަރުންނާއި، ވަޒީރުން ފެންވަރުގެ ބޭފުޅުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ބޭނުންވާ ކަންކަމުގައި އެހީތެރިކަން ހޯދުމަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން އެކި ޤައުމުތަކުގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްތަކާއި، ސްޓްރެޓިޖިކް ގުޅުންތަކުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޚާރިޖީ ސިޔާސަތުގެ ދަށުން ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ފަލަސްޠީނުގެ ހައްޤުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަކީވެސް މިއަދު މުޅި ދުނިޔޭގެ ތަޢުރީފު ރާއްޖެއަށް ލިބެމުންދާ މަސައްކަތްތަކެއްކަމަށެވެ. މިކަންކަމުން ދައްކުވައިދެނީ "މޯލްޑިވްސް ފަސްޓް ޕޮލިސީ"ގެ ދަށުން ރާއްޖޭގެ މަސްލަޙަތުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަރުވަމުންދާ މިންވަރެވެ.

މިއަދު އޮންލައިން