ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓު އިތުރު ބަދަލެއް ނުގެނެސް ފާސްކޮށްފިއެވެ. މި ބަޖެޓަކީ ތަޢުލީމާއި، ސިއްހަތާއި، ބޯހިޔާވަހިކަމާއި، ވަޒީފާ އަދި ދިރިއުޅުމުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނުވުމަށް އަމާޒުކޮށްފައިވާ ބަޖެޓެކެވެ.
މިއަދު ކުރިޔަށް ގެންދިޔަ ބަޖެޓު ކޮމިޓީގައި ސަރުކާރުގެ ފަރާތުން ހުށަހެޅި ގޮތަށް ބަޖެޓު ފާސްކުރުމަށް ހުށަހެޅީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ. ކޮމިޓީގެ 10 މެމްބަރުންގެ ވޯޓުން މި ބަޖެޓު ފާސްކުރިއިރު، ދެކޮޅަށް ވޯޓު ދީފައި ވަނީ 04 މެމްބަރުންނެވެ. ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތުގައި ބައެއް އިދާރާތަކުން ބަޖެޓު އިތުރުކޮށްދޭން އެދުނު ނަމަވެސް އެގޮތަށް ބަދަލު ކުރެވެން ނެތްކަމަށް ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމް ވަނީ ވިދާޅުވެފަ އެވެ.
އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 ޕަސެންޓް ވަނީ ރިކަރަންޓް ހަރަދަށް އެކަށައަޅާފަ އެވެ. މި ހަރަދުގެ ތެރޭގައި ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒްކުރުން ހިމެނެއެވެ. މި ބަޖެޓު އަމާޒުކުރެވިފައި ވަނީ ތަޢުލީމާއި، ސިއްހަތާއި، ބޯހިޔާވަހިކަމާއި، ވަޒީފާ އަދި ދިރިއުޅުމުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ދާއިރާތަކަށްކަމަށް ވަނީ ފާހަގަކުރެވިފަ އެވެ.
ބަޖެޓް ދިރާސާކުރުމުގެ މަރުހަލާގައި އެކި އިދާރާތަކާއި މާލީ ވުޒާރާއާ މަޝްވަރާކޮށްފައި ވާއިރު، މުޅި ޖުމްލަ ބަޖެޓަށް އުނިއިތުރުވުމެއް ނާންނަ ގޮތަށް އިސްލާހުތަކެއް ވަނީ ގެނެސްފަ އެވެ. ކޮމިޓީން ފާސްކުރި އިސްލާހުތަކުގެ ތެރޭގައި މަޖިލީހުގެ އިދާރާގެ ބަޖެޓުގެ ގޮތުގައި 3.5 މިލިޔަން ރުފިޔާ ޚާއްސަ ބަޖެޓުގެ ތެރެއިން އިތުރުކުރުމަށް ވަނީ ފާސްކޮށްފަ އެވެ. އަދި ދައުލަތުގެ އޮފީސްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަަމަށް ހައްލެއް ހޯދައި ކުއްޔަށް ކުރާ ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުގެ އިތުރު އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް އަވަސްކުރުމަށް އެންގުމަށްވެސް ވަނީ ފާސްކޮށްފަ އެވެ.
އަންނަ އަހަރަށް ލަފާކުރާ އާމްދަނީއަށް ބަލާއިރު، ޓެކުހުގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ، އަދި ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވެ އެވެ. މިގޮތުން، 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 40.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވެ އެވެ.