ސަރުކާރުން އިފްތިތާޙުކުރާ ޓެކްސީ ލައިނަށް ޖުމްލަ 407 ޑްރައިވަރުން ހޯދުމަށް އެމްޓީސީސީ (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ) އިން އިޢުލާންކޮށްފިއެވެ. މި ޑްރައިވަރުންގެ ތެރެއިން 285 ޑްރައިވަރުން ހޯދަނީ ފުލްޓައިމްކޮށް މަސައްކަތްކުރުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ބާކީ 122 ޑްރައިވަރުން ހޯދަނީ ޕާޓްޓައިމްކޮށް މަސައްކަތް ކުރާގޮތަށެވެ.
މި ޓެކްސީ ލައިންގެ ޚިދުމަތް ދިނުމަށް ބޭނުންވާ ޖުމްލަ 407 ޑްރައިވަރުން ހޯދުމަށް ހުޅުވާލާފައިވާ ފުރުޞަތުގައި ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު އަންނަ މަހުގެ 17 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ސަރުކާރުގެ މި ޓެކްސީ ލައިން ޤާއިމުކުރުމުގެ ބޭނުމަކީ، ޓެކްސީ ހޯދުމުގައި އާއްމުންނަށް ދިމާވާ ދަތިތައް ޙައްލުކޮށް، ބަރޯސާވެވޭ ލުއިފަސޭހަ ޚިދުމަތްތަކަށް އެޚިދުމަތް ހެދުމެވެ.
އެމްޓީސީސީން ބުނެފައިވާ ގޮތުގައި، މާލޭ ޓެކްސީ ޚިދުމަތަށް ބޭނުންވާ މުވައްޒަފުންގެ ޑްރައިވަރުން ނެގުމުގައި، މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. މިއީ މާލޭ ސަރަޙައްދުގައި ޓެކްސީގެ ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫޢެކެވެ.