ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ހިންގަވާ "ފަހި ޕްރޮގްރާމް – އެކުއެކީ ގުޅިގެން" ގެ ދަށުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 40 ފަރާތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފިއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފުރުސަތުތައް ހަވާލުކުރުން އޮތީ ބުރާސްފަތި ދުވަހުއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. އެމްޕީއެލްއިން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެހީތެރިވެދިނުމުގެ ގޮތުން، އެ ކުންފުނީގައި މަސައްކަތް ކުރުމުގެ ފުރުސަތު މި ޕްރޮގްރާމްގެ ދަށުން މި ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ. މި ރަސްމިއްޔާތުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް އެމްޕީއެލްއިން ވަޒީފާގެ ފުރިސަތު ފަހިކޮށްދީފައެވެ.
މީގެ އިތުރުން، މި ރަސްމިއްޔާތުގެ ތެރެއިން އެމްޕީއެލްގެ ވެބްސައިޓްގައި ލޮލަށް ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ޚާއްސަކޮށް ތަޢާރަފްކުރި އެކްސެސިބިލިޓީ ފީޗާރެއް ވަނީ އިފްތިތާހުކޮށްފައެވެ. މި ފީޗަރ އިފްތިތާހުކޮށްދެއްވީ އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު އައިޝަތު ޝިހާމްއެވެ.
އެމްޕީއެލްއިން ފާހަގަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ ވެބްސައިޓެއްގައި މިފަދަ ފީޗާއެއް ތައާރްކުރެވުނު ފުރަތަމަ ފަހަރުކަމަށާއި، މިއީ އެ ކުންފުނިން ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމެއްކަމަށެވެ. މި ފީޗާގެ ސަބަބުން ލޮލަށް ނުފެންނަ ފަރާތްތަކަށް އެމްޕީއެލްގެ ވެބްސައިޓުގެ މަޢުލޫމާތުތައް ފަސޭހަކަމާއެކު ބޭނުންކުރެވޭނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ދަށުން، މި ސަރުކާރުގެ 2 އަހަރުގެ ތެރޭގައި ޖުމްލަ 333 މީހަކަށް ވަޒީފާގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. މިފަދަ މަސައްކަތްތަކަކީ މުޖުތަމަޢުގައި ހަމަހަމަކަން ޤާއިމުކުރުމަށް މުހިންމު މަސައްކަތްތަކެކެވެ.