ޕީއެސްއެމުން ރާއްޖޭގެ ރަށްރަށަށް އަމާޒުކޮށްގެން ތަޢާރަފްކުރި "ޗާލު ދިވެހިރާއްޖެ އެވޯޑް" އަށް ވޯޓުލުމަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޕީއެސްއެމުން ރާއްޖޭގެ ރަށްރަށަށް އަމާޒުކޮށްގެން ތަޢާރަފްކުރި "ޗާލު ދިވެހިރާއްޖެ އެވޯޑް" އަށް ވޯޓުލުމަށް ހުޅުވާލައިފި

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ރަށްރަށަށް ޚާއްސަކޮށްގެން ތަޢާރަފްކުރި "ޗާލު ދިވެހިރާއްޖެ އެވޯޑް" އަށް ވޯޓުލުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.

މި އެވޯޑަކީ ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންގެ އިސްނެގުމާއެކު، ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކާއި، ދިވެހީންގެ މުއްސަނދި އާދަކާދައާއި ސަޤާފަތް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށް ދެވޭ އެވޯޑެކެވެ.

ޗާލު ދިވެހިރާއްޖެ އެވޯޑަކީ ރަށްރަށުގެ ރައްޔިތުންގެ މެދުގައި ރަށަށް ލޯބިކުރުމުގެ ރޫޙު އާލާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އާދަކާދަތަކަށް ދިރިއުޅުން ބައްޓަންކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ހިތްވަރުދިނުމަށް ތަޢާރަފްކޮށްފައިވާ އެވޯޑެކެވެ. ރަށްރަށުގެ ކާމިޔާބީ ފާހަގަކޮށް، އެކަންކަން ޤައުމީ ފެންވަރުގައި ފާހަގަކުރުމަކީ މި އެވޯޑު ތަޢާރަފްކުރުމުގެ މައިގަނޑު މަޤްސަދެވެ.

މި އެވޯޑަށް ޖުމްލަ 7 ކެޓަގަރީއަކުން 50 ރަށަކުން ކުރިމަތިލާފައިވާކަމަށް ޕީއެސްއެމުން ހާމަކުރެއެވެ. ވޯޓުލުމުގެ ފުރަތަމަ މަރުޙަލާގައި ކޮންމެ ކެޓަގަރީއަކުން އެންމެ ގަދަ ފަސް ރަށް ހޮވުމަށް ހަމަޖެހިފައިވާއިރު، އެވޯޑު ދިނުމަށް ހަމަޖެހިފައިވާ މުހިންމު ދާއިރާތަކުގެ ތެރޭގައި އެންމެ ރީތި ގޮނޑުދޮށް، ސާފުތާހިރު، އެންމެ ތިމާވެއްޓާ ރައްޓެހި ރަށް، އަދި އަހަރުގެ އެންމެ ޗާލު ރަށް ފަދަ ކެޓަގަރީތައް ހިމެނެއެވެ.

ވޯޓުލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ވޯޓުލެވޭނީ ޕީއެސްއެމް އެއަރ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ. ވޯޓުލުމަށް ހުޅުވާލާފައިވާ މުއްދަތު އަންނަ ފެބްރުއަރީމަހުގެ 15 ވާ އާދިއްތަ ދުވަހާ ހަމައަށް ދެމިގެންދާނެއެވެ. ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއާއި ސަޤާފަތަށް ލޯބިކުރާ ފަރާތްތަކުން މި ފުރުސަތުގެ ބޭނުން ހިފުމަށް ޕީއެސްއެމްއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން