މިއަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.8 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ދަޢުލަތަށް ލިބުނު އާމްދަނީއާއި އަޅާ ބަލާއިރު ދެގުނަ ބޮޑު އަދަދެކެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި 1.8 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 978 މިލިޔަން ރުފިޔާއެވެ. އެހެންކަމުން، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 88.3 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ. ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރު ނަގާއިރު، ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ނަގަނީ 6 ޑޮލަރެވެ. އުމުރުން ދެ އަހަރު ނުވާ ކުޑަކުދިން މި ޓެކުހުން އިސްތިސްނާ ވެއެވެ.
ގްރީން ޓެކުހުގެ އާމްދަނީ އިތުރުވެފައި މިވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 1,943,305 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 1,768,714 ފަތުރުވެރިންނާއި އަޅާބަލާއިރު 9.9 އިންސައްތަ އިތުރު އަދަދެކެވެ. ފަތުރުވެރިންގެ އަދަދު އިތުރުވުމަކީ ގްރީން ޓެކުހުގެ އާމްދަނީ ސީދާގޮތުން އިތުރުވާނެ ކަމެކެވެ.
ގްރީން ޓެކުހަށް ރަޖިސްޓްރީވެފައިވާ ފަރާތްތައް ކޮންމެ މަހަކުވެސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހެއެވެ. ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ ޖެހިގެން އަންނަ މަހުގެ 28ވަނަ ދުވަހެވެ.