ފަލަސްޠީނުގެ ފުޓްބޯޅަޓީމަށް އެހީވުމަށް ސްވެނިއަރ ޓިކެޓް ވިއްކައިގެން އެއްކުރި ފައިސާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ފަލަސްޠީނުގެ ފުޓްބޯޅަޓީމަށް އެހީވުމަށް ސްވެނިއަރ ޓިކެޓް ވިއްކައިގެން އެއްކުރި ފައިސާ ހަވާލުކޮށްފި

ފަލަސްޠީނުގެ ފުޓްބޯޅަޓީމަށް އެހީވުމުގެ ގޮތުން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން ވިއްކި ސްވެނިއަރ ޓިކެޓްތަކުން އެއްކުރި ފައިސާ، ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި ފައިސާ ހަވާލުކުރެވުނީ ފަލަސްޠީނުގެ ޓީމު ރާއްޖެއިން ފުރައިގެން ދިއުމުގެ ކުރިންނެވެ.

އެފްއޭއެމްއިން މިކަމާ ގުޅިގެން ބުނެފައިވަނީ، ސްވެނިއަރ ޓިކެޓް ވިއްކައިގެން ޖުމްލަ 19,455.25 އެމެރިކާ ޑޮލަރު (300,000 ދިވެހި ރުފިޔާ) އެއްކުރެވިފައިވާ ކަމަށެވެ. އެފްއޭއެމްއިން ވަނީ ވިއްކުމަށް ހަމަޖެހިފައިވާ ހުރިހާ ޓިކެޓެއް ވިއްކާލެވިފައިވާ ކަމަށްވެސް ހާމަކޮށްފައެވެ. މި މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އެފްއޭއެމްއިން ވަނީ ހިތުގެ އެންމެ އަޑިން ޝުކުރު އަދާކޮށްފައެވެ.

މި ފައިސާ އެއްކުރެވުނީ ސްވެނިއަރ ޕްލެޓިނަމް އަދި ސްވެނިއަރ ގޯލްޑް ޓިކެޓްގެ ގޮތުގައި ޖުމްލަ 500 ޓިކެޓް ވިއްކައިގެންނެވެ. އެފްއޭއެމްއިން ބުނެފައިވާ ގޮތުގައި މި ހުރިހާ ފައިސާއެއް ހަދިޔާކުރެވޭނީ ފަލަސްޠީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ކަމަށާއި، އެ ފައިސާ ބޭނުންކުރެވޭނީ ހަނގުރާމައިގެ ސަބަބުން ގެއްލުންވެފައިވާ އެ ގައުމުގެ ފުޓްބޯޅަ އަލުން ބިނާކުރުމުގެ މަސައްކަތަށެވެ.

މި އެހީތެރިކަމަށްޓަކައި ފަލަސްޠީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ރާއްޖެއިން ބެހެއްޓި ގާތްކަމާއި އެއްބާރުލުން ފާހަގަކޮށް، ޝުކުރު އަދާކޮށްފައެވެ. މިކަމުން ދައްކުވައިދެނީ ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެމެދު އޮތް ގުޅުމުގެ ބަދަހިކަމެވެ.

މިއަދު އޮންލައިން