ޢިބްރަތްތެރި ވާހަކަ: މިފަދަ ރަނގަޅު މައިދައިތައެއްގެ ވާހަކަ އަޑުއެހީމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 41ސ
ޢިބްރަތްތެރި ވާހަކަ: މިފަދަ ރަނގަޅު މައިދައިތައެއްގެ ވާހަކަ އަޑުއެހީމުތަ؟

ގިނަ ފަހަރަށް ދިމާވާ ގޮތަކީ މައިދައިތަ، ދޮންމަންމަ ކިޔައިފިނަމަ އެއީ ވަރަށް ނުބައިވާނެ މީހަކުކަމަށް ސިފަކުރެވެނީއެވެ. ނަމަވެސް އެކަން އެހެން ނުވެވެސް އެބަހުއްޓެވެ. އެއްވެސް ކަމެއްގައި އަޞްލު މަންމަ ޢާއި އަޅުވާކަށް ނުވާނެއެވެ. އެކަމަކުވެސް މައިންނަށްވުރެ ރަނގަޅު ދޮން މަންމައިންނާއި މައިދައިތއިންވެސް އެބަތިއްބެވެ. ތިރީގައި އެވަނީ ރަނގަޅުކަމުގަ ނަމޫނާ މައިދައިތައެއްގެ ވާހަކައެވެ.  

އަޅުގަނޑަކީ އެންމެ ކުޑައިރުންސުރެވެސް އެންމެ މޮޅަށް ކިޔަވަން ބޭނުންވާ ކުއްޖަކީމެވެ. އޭ ލެވެލް ހެދީ ރަށުގައި ހުރެގެންނެވެ. ދެން ބައިވެރިވީ އިސްލާމިކް ޔުނިވަރސީޓީން ހިންގި ކޯހެއްގައެވެ. އެހިސާބުން ކިޔަވަން އަންނަން ޖެހުނީ މާލެއަށެވެ.  

ބައްޕަ އަޅުގަނޑު ޙަވާލުކުރީ ބައްޕައަށް އެންމެ އިތުބާރުކުރެވޭ ރަޙްމަތްތެރިޔާ އާއިއެވެ. އެދެމަފިރިންނަކީވެސް ވަރަށް ހެޔޮ ދެމަފިރިންނެވެ. ބައްޕަ އަޅުގަނޑަށް ޚަރަދުކުރެއެވެ. ނަމަވެސް ގޭގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖައްސައެވެ. ކިޔަވާ ވަގުތުތު ނިމުމާއިއެކު ކޮންމެވެސް މަސައްކަތެއް ޖައްސައެވެ. ހީވަނީ ފާރައަށް ތިބޭހެންނެވެ.  

އެއީ ބަންދު ދުވަހެކެވެ. އެދުވަހު ގޭގައި ވަރަށް ގިނަ މަސައްކަތްކުރަންޖެހުނެވެ. ވަރަށް ވަރުބަލިވެފައި ހުއްޓާ އަޅުގަނޑާއި ދިމާއަށް ގޭގެ ވެރިމީހާގެ އަނބިމީހާ، ޢައިޝާފުޅު ބުންޏެވެ. "މިއަދު ވަރަށް ބުރަދޯއެވެ! މިއީވެސް ހަމަ އިމްތިޙާނެކެވެ. ފާސްވެއްޖިއްޔާ ލިބޭ އިނާމު ވަރަށް ބޮޑުވާނެއެވެ." 

ކޮންމެއަކަސް ކޯސް ނިމި ގްރެޖުއޭޝަނަށް ބައްޕަ އާއި މަންމަ ވެސް މާލެއައެވެ. ރަސްމިއްޔާތުނިމި ޖެހިގެން އައި ރެއެވެ. ކައިނިމިގެން އެންމެން އެކުގައި ސިޓިންގ ރޫމްގައި ތިބެފައި އައިޝާފުޅު ބުންޏެވެ. "ދަރިފުޅާ މަރްޔަމްއެވެ. ދަރިފުޅު ހެދި ކޯހުންވެސް އެއްވަނަ ދަރަޖައިގައި ފާސްވެއްޖައީމުއެވެ. ދެން އޮތީ މިމަންމަ ދިން އިމްތިޙާނެވެ. އެ އިމްތިޙާނުންވެސް ހަމަ އެއްވަނަ ދަރަޖައިގައި ފާސްވެއްޖައީމުއެވެ. ފާސްވެއްޖެ ނަމަ ލިބޭނެ އިނާމު ވަރަށް ބޮޑުވާނެ ކަމަށް ބުނީމެއް ނޫން ހެއްޔެވެ؟ މިއުޅެނީ އެ އިނާމު ދެވޭތޯ ބަލަންވެގެންނެވެ. އެއީ އެއިނާމު ދެވެން އޮތީ މަރްޔަމްވެސް ރުހިގެންކަމަށްވާތީއެވެ.  

އެއިނާމަކީ އަހަރެމެންގެވެސް ދަރިއަކަށްވުމެވެ. އަހަރެމެންގެ ދޮށީ ދަރިފުޅާއި ކައިވެނިކުރާށެވެ! އޭނާ ހުރީ އެކަމަށް ރުހިގެންނެވެ."

އަޅުގަނޑުގެ މަންމަ އާއި ބައްޕަ އެއްވެސް ޖަވާބެއް ނުދިނުމުން އަޅުގަނޑު ބުނީމެވެ. "ބައްޕަމެން ބޭނުން އެވީ އަޅުގަނޑުގެ ޖަވާބަކަށެވެ. އަޅުގަނޑުގެ ޖަވާބަކީ ކައިވެނި ކުރަން ނިކަން ފަސޭހަވާނެއެވެ. ނަމަވެސް ކައިވެނި ވަކިހިސާބަކުން ރޫޅި ދަރިންކޮޅު ގޮވައިގެން ރަށަށްދާން ޖެހުނީމާ އެހައި ރީއްޗެއް ނުވާނެއެވެ. އަޅުގަނޑު ރަށުން މީހަކާއި އިނދެފިނަމަ ވަރިކުރިނަމަވެސް ރަށުން ފުރައިގެންދާކަށް ނުޖެހޭނެއެވެ. އެ ލަދު ގަންނާކަށް ނުޖެހޭނެއެވެ." 

ޢައިޝާފުޅު ބުނީ ވަރިކޮށްފިނަމަ ގެއިން ނުކުންނަން ޖެހޭނީ އެމީހުންގެ ދަރިފުޅަށް ކަމަށެވެ. އަޅުގަނޑަށް ގޭގައި ހުރެވޭނެ ކަމަށެވެ. އަދި އަބަދުވެސް އަޅުގަނޑު ބަލާނެ ކަމަށެވެ. އެހިސާބުން އަޅުގަނޑު ކައިވެންޏަށް އެއްބަސްވެއްޖައީމެވެ.  

ކައިވެނީގެކަންކަން ދިއައީ ވަރަށް ރަނގަޅަށެވެ. 6 އަހަރުވަންދެން ވަރަށް އުފަލުގައި އުޅެވުނެވެ. އެހިސާބުން ފިރިމީހާއަށް އަޅުގަނޑު ކަމު ނުގޮސް މައްސަލަތައް ޖެހެން ފަށައިފިއެވެ. އެންމެފަހުން ވަރިވެސް ކޮށްފިއެވެ. ދެމަފިރިންނަށް އެއްކޮޓަރީގައި ދިރިނުއުޅެވޭނެގޮތް މެދުވެރިވީއެވެ.  

އަނެއް ދުވަހު ހެނދުނު މައިދައިތަ ބުނީ އެމީހުންގެ ދަރިފުޅު ދެން އެގޭގައި ނޫޅޭނެކަމަށެވެ. 2 ދަރިން ތިބުމުން ބައްދަލުކުރަން ނޫން ގޮތަކަށް ގެއަށް ނުވަދެވޭނެ ކަމަށެވެ. އަދި އަޅުގަނޑު ބުނުމަކާއި ނުލައި ކޯޓަށް ގޮސް ގެއިން ބައެއް އަޅުގަނޑަށާއި 2 ދަރިންނަށް ދިނެވެ. އަޅުގަނޑުމެން ދިރިއުޅުނު ފްލޯ އަޅުގަނޑުމެންނަށް ދިނީއެވެ. އެފްލޯގައި މިހާރު އަޅުގަނޑު ދިރިއުޅެނީ އަޅުގަނޑުގެ ދެވަނަ ފިރިމީހާ އާއިވެސް އެކުގައެވެ.  

ފްލޯގެ އެއް އެޕާޓްމަންޓް އެހެރީ ކުޔަށް ދީފައެވެ. ދަރިންގެ ކަންކަމަށް ޚަރަދުކުރަނީ އެތަނަށް ލިބޭ ކުލިންނެވެ. ދިރިއުޅެނީ މިހާރުގެ ފިރިމީހާއަށް ލިބޭ މުސާރައިންނެވެ. އެހެންކަމުން ދިރިއުޅެމުން މިދަނީ ވަރަށް އުފަލުގައެވެ. އިން ޝާ ﷲ 

މައިދައިތައިންގެ ޢަމަލުތައް ހުންނަ ގޮތުން ހިތްހަމަ ނުޖެހިގެން ވަރަށް ގިނަ ވާހަކަތައް މީހުން ދައްކައެވެ. އެހެން އެކަން އެވަނީ ހަމަ ސަބަބުތައްވެސް ހުންނާތީއެވެ. ގިނަ މައިދައިތައިންގެ ޢަމަލުތައް ހުންނަ ގޮތުންނެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން ބޭނުންވަނީ ކިތަންމެ ގިނަ މައިދައިތައިން ނުބައިވިނަމަވެސް ހުރިހާ މައިދައިތައިން ކުށްވެރިނުކުރާށެވެ! ރަނގަޅު މައިދައިތައިންވެސް އެބަތިއްބެވެ. އެންމެ މުހިންމީ މައިދައިތައިންނާއި ގުޅިގެން އެކުގައި އުޅެން ދަސްކުރަން މަސައްކަތްކުރުމެވެ. ހަމައެއާއިއެކު ހަތަރުދަމު ގައިމޮޑެދިން ނަމަވެސް އެއްވެސް ކަމެއް ކޮށްދިންކަމަށް ނުވާ މައިދައިދައިތައިން ވެސް މަދުނޫންކަން ޤަބޫލުކުރަމެވެ.

 

- މަރްޔަމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން