ޢިބްރަތްތެރި ވާހަކަ: ކައިވެނިކުރަން އުޅުނު ނިކަމެތި ލޯބިވެރިޔާ ދޫކޮށްލައި ތަނަވަސް ޒުވާނަކާ ގުޅެން އެއްބަސްނުވުމުން ވަޤުތުން އެއްލަކަ ރުފިޔާއާ ފްލެޓެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ޢިބްރަތްތެރި ވާހަކަ: ކައިވެނިކުރަން އުޅުނު ނިކަމެތި ލޯބިވެރިޔާ ދޫކޮށްލައި ތަނަވަސް ޒުވާނަކާ ގުޅެން އެއްބަސްނުވުމުން ވަޤުތުން އެއްލަކަ ރުފިޔާއާ ފްލެޓެއް ލިބުނު ގޮތުގެ ވާހަކަ-

އެއީ ވަޒީފާއަދާކުރާ ދެ ޒުވާންކުދިންނެވެ. ދެއަހަރެއްހައި ދުވަހު އެކުގައި އުޅެފައި ކައިވެނިކުރަން ނިންމައި އެކަމަށް ތައްޔާރުވަމުންދިއަ ދުވަސްތަކެވެ. އަންހެން ކުއްޖާގެ ގޭގައި ބޭއްވި ހަވީރުގެ ސައެކެވެ. ސަޔަށް ދެމީހުންގެ އެކުވެރިންވެސް ދިއައެވެ. 

ސައިގައި ބައިވެރިވި އެކުވެރިންގެ ތެރޭގައި ފިރިހެންކުއްޖާގެ ތަނަވަސް އެކުވެރިއަކުވެސް ހިމެނެއެވެ. ފުރުޞަތެއް ހޯދައިގެން އަންހެންކުއްޖާއާއިއެކު އެކަނިވެލެވުނު ވަޤުތަކު ބުންޏެވެ. "ކަލޭގެ ތިއަހުރި ރީތިކަމާއިއެކު ތިއައުޅެނީ ކީއްކުރަންހެއްޔެވެ؟ އަހުރެންގެ އެކުވެރިޔާއަކީ އެއްވެސް ތަނަވަސްކަމެއް ނެތް މީހެކެވެ. އެންމެ ކުޑަމިނުން އަމިއްލަ ގެއެއް ނޫނީ ފްލެޓެއްވެސް ނެތެވެ. އަހުރެންގެ ބައްޕައަކީ ތަނަވަސްމީހެކެވެ. ބައްޕަގެ ވިޔަފާރި ބަލަހައްޓަނީ އަހުރެންނެވެ. ތިއަކުރަންއުޅޭ ކަންތައް ހުއްޓާލާފައި އަހުރެންނާއި ގުޅޭށެވެ. ތަނަވަސްކަމުގައި ގެންގުޅޭނަމެވެ. އިތުބާރުކުރަން ބޭނުން ނުވާނަމަ މިކާޑުގައި ހިފާށެވެ! ބޭނުންވަރަކަށް ޚަރަދުކުރާށެވެ! ޚަރަދުކުރާވަރަކަށް ފައިސާޖަމާކޮށްދޭނަމެވެ."

އަންހެންކުއްޖާ ބުންޏެވެ. "ތަނަވަސްކަން މުހިންމެއް ނޫނެވެ. ތަނަވަސްކަމުން ލިބޭނެ ހިތްހަމަޖެހުމެއް ނެތެވެ. ތަނަވަސްކަމުން ހިތްހަމަޖެހުން ލިބޭނަމަ ތިބާ ހުންނާނީ އުފަލުގައި ނޫންހެއްޔެވެ؟ ތިބާހުރީ އުފަލުގައިނަމަ އެންމެ ގާތް އެކުވެރިޔާގެ ވާންއުޅޭ އަނބިމީހާއާއި ތިއަ ޒާތުގެ ވާހަކައެއް ނުދައްކާނެއެވެ. ނަމަނަމަ ދެން ދުވަހަކުވެސް ތިއަބާވަތުގެ ވާހަކައެއް ނުދައްކާށެވެ! ތިއަގޮތަށް ވާހަކަދެއްކީމާ ބައެއް ކުދިން ހެއްލޭނެއެވެ. ވީމާ އަހުރެންވެސް ހެއްލިދާނެކަމަށް ހީކުރެވުމަކީ ކުށެއް ނޫނެވެ. ކުށަކަށްވާނީ ދެން ތިއަ ބާވަތުގެ ވާހަކައެއް ދައްކައިފިނަމައެވެ. މިބުނި އެއްޗެއްގެ އަޑު އިވިއްޖެ ނޫންހެއްޔެވެ؟" 

އެހިސާބަށް ވާހަކަދިއަތަނާ ކައިވެނިކުރަން އުޅޭ ޒުވާނާ އައުމުން އެކުވެރިޔާ ބުންޏެވެ. "ތިބާގެ ލޯބިވެރިޔާ ޓެސްޓްކޮށްފީމެވެ. އެއީ ހަމަ ޖަވާހިރެކެވެ. ނަމަނަމަ ދޫނުކުރާށެވެ! މިކާޑުގައި ހިފާށެވެ! މިކާޑުގައި މިހާރުވެސް އެއްލައްކަ ރުފިޔާ ހުންނާނެއެވެ. ކައިވެންޏަށް ޚަރަދުކުރާށެވެ! ކައިވެނިކޮށްގެން ދިރިއުޅޭނެ ފްލެޓެއްވެސް އަހުރެންގެ ގެއިން ދޭނަމެވެ. މިއީ އަހުރެންގެ ފަރާތުން ދެއެކުވެރިންނަށް ދިން ކައިވެނީގެ ހަދިޔާކަމަށް ޤަބޫލުކުރާށެވެ!" އެހިސާބުން ދެއެކުވެރިން ބައްދައިލިއެވެ. 

ވިސްނާށެވެ! ލޯބީގައި ވަފާތެރިވުމުގެ އަގު އެލިބުނީ ކިހައި ފުރިހަމައަށް ހެއްޔެވެ؟ މިއީ އެކުވެރިއެއްގެ ފަރާތުން ލިބުނު ހަދިޔާއެވެ. ދެމަފިރިއަކު ވަފާތެރިކަމާއިއެކު ދުނިޔޭގައި އުޅޭނަމަ މާތް ﷲ ލައްވަވާނެ ރަޙްމަތް ހިތަށް ގެނެވޭނެހެއްޔެވެ؟ މައްސަލައަކީ އެކަން ޤަބޫލުކުރެވޭ މީހުން މަދުކަމެވެ. 

މިކިޔައިދިނީ މީގެ 10 އަހަރުކުރީގެ ވާހަކައެކެވެ. އެއެކުވެރިޔާ ވަޢުދު ފުއްދިއެވެ. އަދި ވަޒީފާއަދާކުރުމުގެ ބަދަލުގައި ދެމަފިރިންނަށް އަމިއްލައަށް މަސައްކަތްކުރެވޭނެ މަގެއްވެސް ދެއްކިއެވެ. މިއަދު އެދެމަފިރިން ދިރިއުޅެނީ އަމިއްލަ މަސައްކަތުން ގަތް ފްލެޓެއްގައެވެ. ނުހަނު ލޯބިންނެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން