ހަލާލު ޓޫރިޒަމް މޮޑެލްއަށް ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން އަލުން އިއުލާންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 7ސ
ހަލާލު ޓޫރިޒަމް މޮޑެލްއަށް ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން އަލުން އިއުލާންކޮށްފި

ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން، ހަލާލު ޓޫރިޒަމްގެ މޮޑެލްއަށް ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އަލުން އިއުލާންކޮށްފިއެވެ. މިއީ ރާއްޖޭގައި ހަލާލު ޓޫރިޒަމްގެ ބާވަތް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ.

ހަލާލު ނުވަތަ އިސްލާމިކް ޓޫރިޒަމަކީ މުސްލިމް ފަތުރުވެރިންނަށް ޚާއްސަކޮށް، އިސްލާމް ދީނުގެ އަސާސްތަކާއި ފުށުނާރާނެހެން، އެފަދަ އަސާސްތަކަށް އިސްކަންދީގެން ފަތުރުވެރިކަމުގެ ޚިދުމަތްތައް ދިނުމެވެ. ހަލާލު ޓޫރިޒަމް ކޮންސެޕްޓަށް ހިންގާ ތަންތަނުގައި ފަތުރުވެރިންނަށް ބޭނުންވާ އެކަހެރިކަމާއި، ހަލާލު ކެއުމާއި ބުއިންތައް ލިބެން ހުރުމާއެކު، އިސްލާމީ އާދަކާދައާ ފުށޫނާރާ ގޮތަށް މިތަންތަނުން ޚިދުމަތް ދެމުންދެއެވެ. ދުނިޔޭގެ މުސްލިމް އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް މިހާރު މި ބާވަތުގެ ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މި މަސައްކަތުގެ ދަށުން ރާއްޖޭގެ 5 ސަރަހައްދު ކަމަށްވާ ހއ.އަތޮޅު، ހދ.އަތޮޅު، ށ.އަތޮޅު، ތ .އަތޮޅު، އަދި ލ.އަތޮޅުން 6 ރަށެއްގައި ހަލާލު ޓޫރިޒަމް ތަރައްޤީކުރުމަށް ކަނޑައަޅައި، މި ސަރަހައްދުތަކުގައި ހަލާލު ޓޫރިޒަމްގެ ކޮންސެޕްޓަށް ޓޫރިސްޓް ރިސޯޓު ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ހަލާލު ޓޫރިޒަމްގެ ދަށުން ރިސޯޓު ތަރައްޤީކުރުމަށް ތ. އަތޮޅު މާގުޅި މިހާރު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން، ދެން އޮތް 4 ސަރަހައްދަށް ބިލަން ހުށަހެޅުމަށް އަލުން ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވުޒާރާއިން ހާމަކުރެއެވެ.

ހަލާލު ޓޫރިޒަމަށް ހުޅުވާލާފައިވާ ރަށްތައް:

  • ހއ. ބީނާފުށި (2.21 ހެކްޓަރުގެ ބިން، 100 އެނދު)
  • ހއ. ކަނޑާލިފިނޮޅު (5.05 ހެކްޓަރުގެ ބިން، 100 އެނދު)
  • ހދ. މަކުނުދޫ ފަރު (200 ހެކްޓަރުގެ ބިން، 150 އެނދު)
  • ށ. ފުށިފަރު (4.34 ހެކްޓަރުގެ ބިން، 100 އެނދު)
  • ލ. ފޮނަގާދޫ (8.18 ހެކްޓަރުގެ ބިން، 100 އެނދު)

މި 5 ރަށުގައި ހަލާލު ޓޫރިޒަމްގެ ކޮންސެޕްޓަށް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު ވަނީ ބީލަމަށް ހުޅުވާލާފައެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 03 ފެބުރުވަރީ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 އެވެ. މި ފުރުސަތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް، މުސްލިމް ފަތުރުވެރިންގެ މާކެޓަށް ވަނުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

މިއަދު އޮންލައިން