ކައުންސިލްތަކުގެ އަދަދު އޮންނަ ގޮތުން ނިންމުންތައް ނިންމުމުގައި ލަސްވުމުގެ އިތުރުން ކައުންސިލްތަކަށް ކުރަންޖެހޭ ޚަރަދުވެސް އިތުރުކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. މިކަން ހައްލުކުރުމަށްޓަކައި، ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ގެނައުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ދައުލަތުގެ މީޑީއާއަށް މައުލޫމާތުދެއްވަމުން ބަންޑާރަނައިބު ވިދާޅުވީ، ސަރުކާރުން ބައެއް ޤާނޫނުތަކަށް ގެނައުމަށް މިހާރު ހުށައަޅާފައިވާ އިސްލާޙުތަކުގެ ތެރޭގައި ކައުންސިލަރުންގެ އަދަދު މަދުކުރުމުގެ ނިންމުން ހިމެނޭކަމަށެވެ. މިހާރު ކައުންސިލަރުންގެ އަދަދު އޮންނަ ގޮތުން ނިންމުންތައް ނިންމުމުގައި ލަސްވުމުގެ އިތުރުން، ކައުންސިލްތަކަށް ކުރަންޖެހޭ ޚަރަދުވެސް އިތުރުވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ތަރައްޤީއާއި ރައްޔިތުން ބޭނުންވާ ކަންކަން އަވަހަށް ނިންމައި، ޢަމަލީ ގޮތުން ތަންފީޒުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން ލާމަރުކަޒީ ޤާނޫނު އިސްލާހުކުރަން ސަރުކާރުން ބޭނުންވާކަން ބަންޑާރަނައިބު ހާމަކުރެއްވިއެވެ.
ބަންޑާރަނައިބު ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލުމާއެކު ގޮތް ނިންމުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ރަށު ކައުންސިލްތަކާ ދެމެދު އުފެދޭ ފަށަލަ ނައްތާލެވޭނެކަމަށެވެ. މިއީވެސް ކައުންސިލްތަކުގެ މަސައްކަތްތައް އަވަސްވެ، ކަންކަން ހަލުއިކުރެވޭނެކަމެއްގެ ގޮތުގައި ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.
ކައުންސިލަރުންގެ އަދަދު މަދުކުރުމުގެ މުހިންމުކަން ބަންޑާރަނައިބު ވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވިއެވެ: "މިހާރު އޮތް ގޮތުން ބޭކާރު ޚަރަދުތައް އެބަހިނގާ. ހަގީގީ ނަތީޖާއެއް ނުފެނޭ. 3 ކައުންސިލަރުން ނުވަތަ 5 ކައުންސިލަރުންނަށް މަދުކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ހުށައަޅާފައިވަނީ. އޭރުން މާ އެފިޝަންޓްވާނެ. ކަންކަން ނުނިންމޭ ހާލަތަށް ގޮސްފައި އެބަހުރި ކައުންސިލަރުން ގިނަވީމަ."
މި އިސްލާޙުތަކުގެ ސަބަބުން ކައުންސިލްތަކުގެ މަސައްކަތްތައް ހަލުއިވެ، ދައުލަތުގެ ޚަރަދު ކުޑަވެ، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް އަވަސްކޮށް، އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެކަމަށް ސަރުކާރުން އުންމީދުކުރައްވައެވެ.