ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ފުޅާކުރުމުގެ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، ބޮޑުތިލަދުންމަތީގެ 13 ފަޅެއްގައި ޓޫރިސްޓް ރިސޯޓުތައް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މިއަދު އިއުލާންކޮށްފިއެވެ.
މި ފަޅުތަކުގައި ރިސޯޓު ތަރައްޤީކުރުމަށް ބީލަން ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 03 ފެބްރުއަރީ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އެވެ.
ރާއްޖޭގައި ފަތުރުވެރިކަން މިހާތަނަށް ތަރައްޤީނުވެ އޮތް ސަރަޙައްދުތަކުގައި މި ދާއިރާ ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން ރާއްޖޭގެ އުތުރުގެ ތިން އަތޮޅުގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަޤްސަދުގައި، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ބޮޑުތިލަދުންމަތީގެ 13 ފަޅެއްގައި ރިސޯޓު ތަރައްޤީކުރުމަށް ފުރުސަތު ހުޅުވާލާފައެވެ.
މި އިއުލާނުގައި ހިމެނޭ 13 ފަޅުގެ ތެރޭގައި ހއ. ކެލާގެ ދެ ފަޅާއި، ހއ. މާދުނީގެ ތިން ފަރު، ހދ. މަކުނުދޫގެ ދެ ފަރު، ހދ. މާފަރުގެ ތިން ފަރު، އަދި ށ. ގޮނާގެ ތިން ފަރު ހިމެނެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ފަޅުތަކުން ބިން ހިއްކައިގެން ރިސޯޓުތައް ތަރައްޤީކުރުމުގެ ހުއްދަ ލިބޭނެ ކަމަށެވެ. އެގޮތުން ކެލާ ފަޅު (ކެލާ ފަޅު 1: 156.2 ހެކްޓަރު / ކެލާ ފަޅު 2: 169.3 ހެކްޓަރު) ފިޔަވައި އެހެން ހުރިހާ ފަޅެއްގައި 200 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެން ރިސޯޓްތައް ތަރައްޤީކުރެވޭނެއެވެ. އަދި ތަރައްޤީކުރެވޭ ކޮންމެ ރިސޯޓެއްގައި މަދުވެގެން 150 އެނދު ހުންނަން ޖެހޭނެކަމަށް ވުޒާރާއިން ވަނީ ކަނޑައަޅުއްވާފައެވެ.
މި ފަޅުތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރުގެ މުއްދަތަށެވެ. އަދި ބިން ދޫކުރެވޭތާ 35 މަސް ދުވަހުގެ ތެރޭގައި ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް ފަށަންޖެހޭނެކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. މި މަޝްރޫޢަށް ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ބީލަން ފޮތް ލިބޭނެ މުއްދަތަކީ 23 ނޮވެންބަރު 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 02 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އާއި ދެމެދެވެ. ބީލަން ފޮތް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ ވުޒާރާގެ ރިސެޕްޝަނުންނެވެ.