ޞިއްޙީ ދާއިރާގެ ޢުމްރާނީ ތަރައްޤީއަށް މިވަގުތު 165 މަޝްރޫޢު ކުރިއަށްދާކަމަށް، ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މި ހުރިހާ މަޝްރޫޢުތަކަކީ ހަމައެކަނި ޞިއްޙަތާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ހިންގަމުންދާ މަޝްރޫޢުތައް ކަމަށެވެ.
ވަޒީރު ނާޡިމް އިބްރާހީމް ވިދާޅުވީ، ޞިއްޙީ ދާއިރާގައި މިވަގުތު ޢުމްރާނީ ތަރައްޤީގެ 165 މަޝްރޫޢު އެކި މަރުޙަލާތަކުގައި ކުރިއަށްދާ ކަމަށެވެ. އޭގެ ތެރޭގައި 160 އަށްވުރެ ގިނަ މަޝްރޫޢުތައް އެކި މަރުޙަލާތަކުގައި ކުރިއަށްދާއިރު، އިތުރު 25 ވަރަކަށް މަޝްރޫޢު ފެށުމުގެ މަރުޙަލާގައިވާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުތަކުގެ އެންމެ ބޮޑު މަޤްޞަދަކީ އަތޮޅުތަކުގެ ޞިއްޙީ ނިޒާމު ދިގު މުއްދަތަކަށް ބޭނުންވާ ވަޞީލަތްތަކުން ބާރުވެރިކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މި މަސައްކަތް ނިމިގެންދާއިރު އަތޮޅުތަކުގެ ސިއްޙީ ނިޒާމަށް ކުރިއަށް އޮތް 20 އަހަރަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކުރެވިގެންދާނެ ކަމަށެވެ.
ޞިއްޙީ ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދަކީ ވެސް މި މިސްރާބުގައި މަސައްކަތްކުރުން ކަމަށެވެ. "މި ޕްރޮޖެކްޓުތައް ނިމިގެންދާއިރު ކުރިއަށްއޮތް 10 ވަރަކަށް 20 ވަރަކަށް އަހަރުދުވަހަށް، އިރާދަކުރެއްވިއްޔާ އަތޮޅުތަކުގެ އިންފްރާސްޓްރަކްޗަރއަށް ދަތިކަމެއް ނާންނާނެ. އެމިސްރާބުގައި ރައީސް އަޅުގަނޑުމެނަށް އިރުޝާދުދެއްވަމުންދަނީ." ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.