ބޭންކުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަމުން ގެންދަނީ ބޭންކަށް އެކަމުން ލިބޭނެ ގެއްލުން ވީހާވެސް ބޮޑަށް ކުޑަވާނެ ގޮތަކަށް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ، ސަރުކާރަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެއްބާރުލުން ދިނުމުގެ ގޮތުން މި މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ލޯނު ދިނުމަކީ ބޭންކުގެ ވިޔަފާރީގެ އެއް ބައި ކަމަށްވާއިރު، ބޭންކުން އެއްވެސް މަސައްކަތެއް ކުރުމުގެ ކުރިން ވަރަށް ގިނަ ކަންކަމަށް ބަލާނެ ކަމަށެވެ. އަދި މި ބޮޑު މަޝްރޫޢު ކުރިއަށް ގެންދިއުމަށްވެސް ނިންމާފައިވަނީ، ބޭންކުގެ ވިޔަފާރީގެ އުސޫލުތަކާއި އެއްގޮތަށް ހުރިހާ ކަމެއް ވަޒަންކުރުމަށް ފަހު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދާ ހައުސިން ލީސިންގް ކުންފުނީގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތަކީ ބޭންކުގެ ވިޔަފާރީގެ ތެރޭގައި ހިމެނޭ މަސައްކަތެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، "މިއީ ހަމަ އެމްއެމްއޭ ޤަވާއިދުތަކާއި ބޭންކިން ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް އަދި ކޮމާޝަލީ ބަލާއިރު ބޭންކަށް އެންމެ ރިސްކު ކުޑަކޮށް އަދި އަގުހެޔޮ ކުރެވޭނެ ގޮތަށް ބައްޓަން ކުރެވިފައި އޮތް ޕްރޮޑަކްޓެއް. އެއީ ބޭންކުގެ ވިޔަފާރީގެ ބައެއް. އެކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ."
ބީއެމްއެލްއިން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޤަވާއިދުތަކާ އެއްގޮތަށް، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ފައިނޭންސްކޮށް މަޝްރޫޢުތައް ހިންގުމަށްޓަކައި ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިން ފްރައިވެޓް ލިމިޓެޑްގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދާފައެވެ. މި ކުންފުނިން މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމަށް 3000 ޔުނިޓް ތަރައްޤީކުރުމަށް ނިންމާ ސަރުކާރާއެކު އެއްބަސްވުމެއްގައި މިހާރު ވަނީ ސޮއިކޮށްފައެވެ.