ރާއްޖޭގެ އެންމެ ބޮޑު ޢުމްރާނީ ތަރައްޤީގެ ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މި ސަރުކާރުގެ ދައުރުގެ ތެރޭގައި ޖުމްލަ 50 މަޝްރޫޢެއްގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މިކަމުގެ ތަފްޞީލު އެމްޓީސީސީން އާންމުކޮށްފައިވާއިރު، މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުން 124 ރަށެއްގައި ޢުމްރާނީ ތަރައްޤީގެ 219 މަޝްރޫޢެއްގެ މަސައްކަތް އެކުންފުނިން އަންނަނީ ކުރަމުންނެވެ.
ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެމްޓީސީސީން އެންމެ ގިނައިން ނިންމާފައިވަނީ ރަށްރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތަކާއި، ބަނދަރު ހެދުމުގެ މަޝްރޫޢުތަކެވެ. އެގޮތުން، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 14 މަޝްރޫޢެއް ވަނީ ނިންމާލާފައެވެ. އަދި ރަށްރަށުގެ ބަނދަރު ތަރައްޤީކުރުމުގެ 10 މަޝްރޫޢެއްގެ މަސައްކަތްވެސް އެ ކުންފުނިން ވަނީ މި ދައުރުގައި ނިންމާލާފައެވެ.
މި ނިމުނު 50 މަޝްރޫޢުގެ ތެރޭގައި ތަފާތު ދާއިރާތަކުގެ މަސައްކަތްތައް ހިމެނެއެވެ. އެގޮތުން، އެއަރޕޯޓް ހެދުމުގެ 3 މަޝްރޫޢު، މަގު ހެދުމުގެ 4 މަޝްރޫޢު، ފުޓްބޯޅަ އަދި ފުޓްސަލް ދަނޑު ހެދުމުގެ 4 މަޝްރޫޢު، އަދި ޖެޓީ ހެދުމުގެ 2 މަޝްރޫޢު ހިމެނެއެވެ. މީގެ އިތުރުން، ޕޯޓް ހެދުމުގެ 1 މަޝްރޫޢާއި، އައުޓްޑޯ ޖިމް ހެދުމުގެ 1 މަޝްރޫޢުވެސް ވަނީ ނިންމާލާފައެވެ.
އެމްޓީސީސީން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ޢިމާރާތްތަކާ ގުޅުންހުރި 3 މަޝްރޫޢާއި، ޕޮލިސް ޕޯސްޓެއްގެ މަސައްކަތްވެސް ހިމެނެއެވެ. އަދި ކޮންސަލްޓެންސީގެ 2 މަޝްރޫޢާއި، ސަރވޭ އަދި ސްޓްރަކްޗަރަލް އެސެސްމެންޓްގެ 1 މަޝްރޫޢުވެސް މި ދައުރުގެ ތެރޭގައި ނިމިފައިވެއެވެ. އެހެނިހެން 4 މަޝްރޫޢާއެކު ޖުމްލަ 50 މަޝްރޫޢު ނިންމާލާފައިވާއިރު، މިއީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށް އެކުންފުނިން ދެމުންދާ ބޮޑު އެހީތެރިކަމެކެވެ.
އެމްޓީސީސީން ދަނީ ރާއްޖޭގެ ރަށްރަށުގެ ޢުމްރާނީ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 50 މަޝްރޫޢު ނިންމާލުމާއެކު، އެކި ދާއިރާތަކުން ޖުމްލަ 219 މަޝްރޫޢު އެއްފަހަރާ ކުރިއަށް ގެންދިއުމަކީ އެ ކުންފުނީގެ ވަރުގަދަ ކެރިފޯރުންތެރިކަން ދައްކުވައިދޭ ކަމެކެވެ.