މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ދޫކުރާ ވާރކް ވީޒާގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެސްފައެވެ. މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން "ވެލިޑް" ވާރކް ވީޒާ ކަމުގައި ބެލެވޭނީ ހަމައެކަނި އީ-ވީޒާ ކަމަށް އިމިގްރޭޝަނުން މިއަދު ވަނީ ހާމަކޮށްފައެވެ. ރާއްޖޭގައި އީ-ވީޒާގެ ޚިދުމަތް ތަޢާރަފްކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.
އިމިގްރޭޝަނުން ވިދާޅުވީ ރާއްޖެއަކީ މި ސަރަހައްދުގައި އީ-ވީޒާގެ ޚިދުމަތް ތައާރަފްކުރި ފުރަތަމަ ގައުމު ކަމަށެވެ. މި ޚިދުމަތް ތައާރަފުކުރުމާއި ގުޅިގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ދޫކުރެވޭ ވީޒާއާ ގުޅޭ ހުރިހާ ޚިދުމަތްތަކެއް ވަނީ އޮންލައިންކޮށްފައެވެ. މި ބަދަލުތަކާއެކު، ކުރިން ވާރކް ޕާރމިޓް ލިބިގެން އުޅޭ ބިދޭސީންގެ ޕާސްޕޯޓު ކައުންޓަރަށް ހުށަހަޅައިގެން ވީޒާ ޖަހަން ޖެހުނު ނަމަވެސް، މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އެ ފަރާތްތަކަށް ދޫކުރެވޭނީ ހަމައެކަނި އީ-ވީޒާއެކެވެ.
މި ބަދަލުގެ އެންމެ މުހިންމު އެއް ކަމަކީ، މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާރކް ވީޒާއެއް ޕާސްޕޯޓުގައި އޮތް ނަމަވެސް، އެ ވީޒާތައް ސިސްޓަމް ތެރެއިން އޮޓަމެޓިކުން އީ-ވީޒާއަށް ބަދަލުވާނެ ކަމެވެ. އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި، 23 ވަނަ ދުވަހަށް ފަހު، ޕާސްޕޯޓުގައިވާ ކުރީގެ ވާރކް ވީޒާއަކީ "ވެލިޑް" ވީޒާއެއް ކަމުގައި ނުބެލެވޭނެއެވެ. އަދި ބިދޭސީއެއްގެ އީ-ވީޒާގެ ވެލިޑިޓީ ބިނާވާނީ ހަމައެކަނި އެ ބިދޭސީއެއްގެ ވާރކް ޕާރމިޓްގެ ވެލިޑިޓީއަށް ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
އިމިގްރޭޝަނުން އިތުރަށް ވިދާޅުވީ، މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ވާރކް ވީޒާގައި ރާއްޖެއަށް އެތެރެވުމުގެ ނުވަތަ ރާއްޖެއިން ފުރުމުގެ ހުއްދަ ދެވޭނީ ހަމައެކަނި މުއްދަތު ހަމަނުވާ އީ-ވީޒާއެއް އޮތް ބިދޭސީންނަށް ކަމަށެވެ. މި ބަދަލާއެކު، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި އެމީހުންގެ ވަޒީފާ ދޭ ފަރާތްތަކުން ވެސް އީ-ވީޒާގެ ނިޒާމަށް އަހުލުވެރިވެ، ބަދަލުތަކަށް ތައްޔާރުވުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.