އަމާޒަކީ މާލެއާއި ހުޅުމާލެއާ ދެމެދު ފެނުގެ ކަނެކްޓިވިޓީ މިއަހަރުގެ ނިޔަލަށް ބޭނުންކުރަން ފެށުން: މަތީން

މިއަދު
ކިޔުމަށް ހޭދަވާނީ 2މ
އަމާޒަކީ މާލެއާއި ހުޅުމާލެއާ ދެމެދު ފެނުގެ ކަނެކްޓިވިޓީ މިއަހަރުގެ ނިޔަލަށް ބޭނުންކުރަން ފެށުން: މަތީން

މާލެއާއި ހުޅުމާލެއާ ދެމެދު ފެނުގެ ކަނެކްޓިވިޓީ ގުޅާލުމުގެ މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް އެއްކޮށް ނިންމާ ބޭނުންކުރަން ފެށުމަކީ އަމާޒެއް ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑީއާއަށް މައުލޫމާތު ދެއްވަމުން މަތީން ވިދާޅުވީ، މާލޭ ސަރަޙައްދުގައި އެމްޑަބްލިއުއެސްސީގެ ޚިދުމަތްތަކާއި އޮޕަރޭޝަންތައް އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަށްދާކަމަށާއި، މި ސަރަޙައްދުގައި ފެނުގެ ޚިދުމަތުގެ ޔަޤީންކަން ކަށަވަރުކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް މި ސަރުކާރުން ކޮށްފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ފެން އުފެއްދޭ މިންވަރު އިތުރުކުރުމަށާއި، ފެން ރައްކާކުރެވޭ މިންވަރު އިތުރުކޮށް ފެން ފޯރުކޮށްދިނުމުގައި ބޭނުންކުރާ ވަސީލަތްތައް ހަރުދަނާކުރުމަށް މަސައްކަތް ކުރެވިފައިވެއެވެ. މަތީން ފާހަގަކުރެއްވި ގޮތުގައި، މާލެއާއި ހުޅުމާލެއާ ދެމެދު ފެނުގެ ކަނެކްޓިވިޓީ ގުޅާލުމަށް ޤާއިމުކުރާ ވިއުގަގެ މަސައްކަތަކީ މި ސަރުކާރު ޙަވާލުވިއިރުވެސް މަސައްކަތް ދިގުލައިގެންގޮސްފައިވާ މަޝްރޫޢެކެވެ. ނަމަވެސް މިހާރު މި މަސައްކަތް ނިމުމަކާ ގާތްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މަތީން ވިދާޅުވީ، މިހާރު އެ ކުންފުނިން ދަނީ މި ވިއުގަ ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި މަޝްރޫޢުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާ، ވިއުގަ އެއްކޮށް ބޭނުންކުރަން ފެށުންކަމަށެވެ. މިއީ މާލޭ ސަރަޙައްދުގެ ފެނުގެ ޚިދުމަތުގެ ޔަޤީންކަން ކަށަވަރުކުރުމަށް ހިންގޭ މުހިންމު މަޝްރޫޢެކެވެ.

މި މަސައްކަތުގެ ކުރިއެރުންތަކާ ގުޅޭގޮތުން މަތީން އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެން މިހާރު ވަގުތީގޮތުން ހޮޅީގެ މަސައްކަތް ނިންމާފައި ޚިދުމަތް ފޯރުކޮށްދޭންވެސް ފަށައިފިން. މިހާރު ހޮޅި ބޭނުންކޮށްގެން ދުވާލެއްގެ މައްޗަށް 2000 ޓަނުގެ ފެން އަޅުގަނޑުމެންނަށް އުފުލޭނެ މާލެއާއި ހުޅުމާލެއާ ދެމެދު. ދެކޮޅުގައި އަޅުގަނޑުމެން ޤާއިމުކުރަންޖެހޭ ޕަމްޕު ސްޓޭޝަންތަކުގެ މަސައްކަތްވެސް ނިންމައިފިން. ބައެއް ކަހަލަ އިލެކްޓްރިކަލް އަދި މެކޭނިކަލް މަސައްކަތްތައް މިހާރު އެދަނީ. އެ މަސައްކަތްތައް ނިމުމާއެކީ އިރާދަކުރެއްވިއްޔާ މިއަހަރުގެ ނިޔަލަށް އެ ހޮޅި އެއްކޮށް ބޭނުންކުރެވޭނެކަމަށް އަޅުގަނޑުމެން މި ބަލަނީ. އޭރުން ދުވާލެއްގެ މައްޗަށް 20000 ޓަނުގެ ފެން އަޅުގަނޑުމެންނަށް އުފުލޭނެ މި ދޭތެރޭގައި." މި މަޝްރޫޢު ނިމުމުން މާލެއާއި ހުޅުމާލެއާ ދެމެދު ފެން ފޯރުކޮށްދެވޭ މިންވަރު ބޮޑުތަނުން އިތުރުވެގެންދާނެއެވެ.

މިއަދު އޮންލައިން