އަމީނިއްޔާ ސްކޫލުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ފޭރުމުގެ ސްކޭމަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
އަމީނިއްޔާ ސްކޫލުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ފޭރުމުގެ ސްކޭމަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

އަމީނިއްޔާ ސްކޫލުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ފޭރުމުގެ ސްކޭމެއް ދައުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް އެ ސްކޫލުގެ ބެލެނިވެރިންނަށް އެ ސްކޫލުން ވަނީ އިލްތިމާސްކޮފައެވެ.

މިފަދަ ސްކޭމްތަކުގެ ޒަރީޢާއިން އޮޅުވާލައިގެން ފައިސާ ފޭރުމުގެ މައްސަލަތައް އިތުރުވަމުންދާތީ، އާންމުން މިކަމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވެސް ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

އަމީނިއްޔާ ސްކޫލުން ބެލެނިވެރިންނަށް ފޮނުވި މެސެޖެއްގައި ހާމަކުރައްވާފައިވާ ގޮތުގައި، އެ ސްކޫލުގެ ނަމުގައި ދައުރުވާ މެސެޖުގައި "މޯލްޑިވްސް ޕޯސްޓަށް ފައިސާ ދެއްކުމަށް ލިންކެއް" ހިމެނެއެވެ. ނަމަވެސް، ސްކޫލުން ވަނީ މިފަދަ އެއްވެސް ކަމެއްގައި ބެލެނިވެރިންނަށް ލިންކެއް ނުފޮނުވާނެ ކަމަށް ޔަޤީންކަން ދީފައެވެ. އެހެންކަމުން، އެފަދަ މެސެޖުތަކަށް އިޖާބަ ނުދިނުމަށް ސްކޫލުން ވަނީ ބާރުއަޅާފައެވެ.

މިފަދަ ސްކޭމްތަކުގެ މަޤްސަދަކީ އާންމުންގެ މާލީ އަދި ޒާތީ މައުލޫމާތު ހޯދައި، އެ މައުލޫމާތު ނާޖާއިޒު ފައިދާ ނެގުމެވެ. އެހެންކަމުން މިފަދަ ލިންކުތަކަށް ސަމާލުވުމަށް ކަމާއި ގުޅުންހުރި އިދާރާތަކުން ޢިލްތިމާސްކުރައްވައެވެ.

ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ވިދާޅުވާ ގޮތުގައި، މިފަދަ ލިންކުތަކަށް ފިތާލުމުން އާންމުންގެ ބޭންކު އެކައުންޓުތަކުގެ ޕާސްވޯޑުތަކާއި، ފޯނުގެ ޕާސްވޯޑުތައް ޖެހުމަށް އެދެއެވެ. މިއީ ފޯނު ހެކްކުރުމާއި ބޭންކުގެ ޕިންތައް ނެގުމަށް ހިންގާ އުކުޅުތަކެކެވެ. އެހެންކަމުން، އެނގިގެން ނޫނީ މިފަދަ ލިންކުތަކަށް ނުވަނުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ.

މިއަދު އޮންލައިން