ބޭވަފާތެރިކަން ތަޖުރިބާކުރަން ޖެހުނު އަންހެނެއްގެ އިޙްޞާޞްތައް- ބޭވަފާތެރިވުމުން ލިބޭ އަނިޔާއަކީ ދުވަހަކުވެސް ފޫބެއްދޭނެ އަނިޔާއެއް ކަމަށް ހީވެސްނުކުރާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 29ސ
ބޭވަފާތެރިކަން ތަޖުރިބާކުރަން ޖެހުނު އަންހެނެއްގެ އިޙްޞާޞްތައް- ބޭވަފާތެރިވުމުން ލިބޭ އަނިޔާއަކީ ދުވަހަކުވެސް ފޫބެއްދޭނެ އަނިޔާއެއް ކަމަށް ހީވެސްނުކުރާތި!

ދެއަހަރެއްހައި ދުވަހު ވަރަށް ލޯބިން އެކުގައި އުޅެފައި ކައިވެނިކުރަން ނިންމައި ތާރީޚް ކަނޑައަޅައި މަހެއްހައި ދުވަހަށް ކައިރިވެފައިވަނިކޮށް މަންމަ ބަލިވެގެން އިންޑިއާއަށް ގޮސް 2 ހަފްތާއެއްހައި ދުވަހު އުޅެފައި މާލެ އައިދުވަހުގެ ރެއެވެ. ލޯބިވެރިޔާއަށް އުޅޭ ފްލެޓަށް ދާން ދިއަ ަމގުމަތީގައި ނައްދަލުވި އެކުވެރިއެއްގެ ކިބައިން އެނގުނީ ލޯބިވެރިޔާ އެހެން އަންހެނަކާއިއެކު ގުޅުން ހިންގި ކަމެވެ.  

އެޚަބަރު ލިބުމުން އެފްލެޓަށް ނުދާންވެސް ހިތަށް އެރިއެވެ. އެކަމަކުވެސް ގޮސް ބައްދަލުކޮށް ވާހަކަ ދެއްކީމެވެ. ވާހަކަދައްކަމުންގޮސް އޭނާކުރި ކަންތަކުގެ ވާހަކައިން ސުވާލުކުރުމުން ދޮގުހަދާކަށް ނުއުޅެއެވެ. ބުނީ އެއީ ލޯބިވެގެން ހިންގި ގުޅުމެއް ނޫންކަމަށާއި އެކަނިވެ ފޫހިވުމުން ކުރެވުނު ކަމެއް ކަމަށެވެ. ދެން އެބާވަތުގެ ކަމެއް ދުވަހަކުވެސް ނުކުރާނެކަމަށާއި މާފަށް  އެދޭކަމަށެވެ.  

"އަހުރެން ބުނީމެވެ. "ކައިވެނިކުރަން ހަމަޖައްސައި މިހައި ކުޑަ ދުވަސްކޮޅަކަށް ގާތްވެފައިވަނިކޮށް ތިއަކުރި ކަންތަކުގެ ސަބަބުން އަހުރެން ތިބާއާއި ވަކިވާނީއެވެ. އަހުރެން ހޯދަން ނުއަންނާށެވެ. ނުވެސް ގުޅާށެވެ. މެސެޖްވެސް ނުކުރާށެވެ." 

އެހެން ބުނެފައި ނުކުމެގެން އައީއެވެ. ބްލޮކެއް ނުކުރަމެވެ. ނަމަވެސް ކޯލެއް ނުނަގަމެވެ. ފޮނުވާ މެސެޖްތައް ނުވެސް ކިޔަމެވެ. އެެހން ހުންނަތާ ހަފްތާއެއްވަރު ފަހުން އެއްރޭ ގެއަށް އައިސް ކައިވެނިމަތިން ހަނދާންކޮށްދީ މާފަށް އެދުމުން ބުނީމެވެ. "ފުރަތަމަ އަހުރެންގެ ވާހަކަވެސް އަޑުއަހައިލާށެވެ! މީގެ ދެރޭކުރިން ދައްތަގެ ރައްޓެހި ފިރިހެނަކު މިގެއަށް އައެވެ. 12 ޖެހިތަނާ ދައްތަ ކޮޓަރިއަށް ވަދެ ނިދައިފިއެވެ. ދެން ދެމީހުން އެކަނި ތިބެންޖެހުމުންނާއި އަހުރެން މާޔޫސްވެފައި ހުރިވަރުން ދެމީހުންގެ މެދުގައި ހިނގައިގެން ނުވާނެ ހުރިހާ ކަމެއް ވަނީ ހިނގައިފައެވެ. ކަލާގެ ކިބައިން މާފަށް އެދެމެވެ. ކައިވެނިކުރަން މިހައިކައިރިވެފައި އޮތުމުން އަހުރެންވެސް ކަލާގެ ކިބައިން މާފަށް އެދެމެވެ."

އޭނާ ދިއައީ ފުންމައިގެންނެވެ. ގޮވުނުހައި ނުބައި އެއްޗެއް ގޮވާފައި ބުނީ އަހުރެން ފަދަ ގޮތެއް ނެތް އަންހެނަކު ނުވެސް ދެކޭ ކަމަށާއި ދުވަހަކުވެސް ބައްދަލުކުރަންވެސް ބޭނުންނުވާ ކަމަށެވެ.  

އޭނާ ނުކުންނަން ހިނގައިގަތުމުން ދައްތައަށް ބުނެވުނެވެ. "އެއްވެސް ކުށެއް ނުކޮށްހުރެ ދޮގުހަދައިގެން ތިއަވަރުގެ ވާހަކައެއް ތިއަދެއްކީ ކީއްވެގެން ހެއްޔެވެ؟" ޖަވާބުގައި ބުނީމެވެ. "މިހުރީ އޭނާފަދަ ފިރިހެނުންނަށް ދަސްކޮށްދޭންޖެހޭ ފިލާވަޅެވެ. އޭނާ ބޭނުންވުމުން ކޮންމެ ކަމެއްވެސް ކުރަންވީއެވެ. އަހުރެންނަކީ އަންހެނަކަށްވާތީ އެއްވެސް ކުށެއް ކުރެވިގެންނުވާނެއެވެ. ދެން މިހާރު އަހުރެންދެކެ ރުޅިއައިސްގެންވެސް އިތުރަށް އުނދަގޫނުކޮށްފިއްޔާ މާރަނގަޅެވެ."  

"ދައްތަ ތިއަ ކަންބޮޑުވަނީ އޭނާ އަހުރެން ފަޟީހަތްކުރާނެތީ ނޫންހެއްޔެވެ؟ އަހުރެން ނުކުރާ ކަމެއްގެ ވާހަކަދެއްކިވަރަކަށް އެކަމުގެ ފައިދާ އަހުރެންނަށް ކުރާނެއެވެ. ވީމާ އަހުރެން ކަންބޮޑެއް ނުވަމެވެ." 

ވާހަކަ އެހިސާބަށް ދިއަތަނާ އަނެއްކާވެސް އޭނާ ގެއަށް ވަދެގެން އައިސް ބުންޏެވެ. "ތިއަދެއްކި ހުރިހާ ވާހަކަތަކެއް އަޑުއަހައިފީމެވެ. އަހުރެންދެކެ ފޫހިވެފައިހުރިވަރުވެސް އެނގިއްޖެއެވެ. އެކަމަކުވެސް މާފުކޮށްފިއްޔާ އަހުރެން ދެން އިތުރުކުށެއް ނުކުރާނަމެވެ. ޢުމުރަށް އެކުގައި އުޅޭނަމެވެ. ޖަވާބުގައި ބުނީމެވެ. "މިފަހަރުި މިހެދީ ދޮގެކެވެ. ކަލެއަށް މާފުކޮށްފީމެވެ. އެކަމަކު އެކުގަ އުޅެން ނުވިސްނާށެވެ. އަހުރެންނަކަށް ދެނެއް ކަލެއަކަށް ތެދުވެރިއެއް ނުވެވޭނެއެވެ. ކަލޭދެކެ ލޯތްބެއްވެސް ނުވެވޭނެއެވެ. އެކުގައި އުޅެންވެއްޖެނަމަ ގާތީ އަހުރެން މިބުނި ފަދަ ކަންކަން ކުރެވުމެވެ. ވީމާ އާދޭސްކޮށްފައި ބުނަމެވެ. އަވަހަށް މިގެއިން ނުކުންނާށެވެ. އަހުރެންނާއި އެއްވެސް ގުޅުމެއް ބާއްވަން މަސައްކަތްނުކުރާށެވެ."  

އެއިގެ ފަހުންވެސް އެތައް ދުވަހެއް ވަންދެން އޭނާ ގުޅިއެވެ. މެސެޖްތައްވެސް ކުރިއެވެ. ޖަވާބެއް ނުދެމެވެ. ގެއަށް ވަންނަންވެސް އައެވެ. އެކަމަކު ނުވައްދަމެވެ. ޙަޤީޤަތުގައި އެއީ އޭނާދެކެ ލޯބިނުވާތީއެއްވެސް ނޫނެވެ. ބޭވަފާތެރިއަކާއިއެކުގައި ނުއުޅެވޭނެތީއެވެ. ބޭވަފާތެރިވާ މީހުންގެ ތެރެއިން އިޞްލާޙްވާނީ ވަރަށް މަދު މީހަކަށްވާތީއެވެ.  

އަޅުގަނޑަށް ހަމަޖެހުން ލިބުނީ އަހުރެން އޭނާދެކެ ލޯބިނުވާ މީހަކާއި ކައިވެނިކޮށް އެކުގައި އުޅެންފެށުމުން އޭނާ އަޅުގަނޑަށްދިން ލޯބިންނެވެ. ބޭވަފާތެރިނުވެ އެތައް އަހަރެއްވަންދެން އެކުގައި އުޅެ ބޭވަފާތެރިނުވާނެކަމުގެ ޔަޤީންކަން ހޯދައިދިނީމައެވެ.

ބޭވަފާތެރިވާ ފިރިހެނުންނަށްވެސް އަދި އަންހެނުންނަށްވެސް ބުނެލަން އޮތީ ބޭވަފާތެރިވެފައި މާފަށް އެދުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. ނަމަވެސް އެކަމުން އަނެކާއަށް ލިބޭ އަނިޔާއަކީ ފޫބެއްދޭނެ އަނިޔާއެއް ނޫނެވެ. އަދި އެއީ ދުވަހަކުވެސް ފޫބެއްދޭނެ އަނިޔާއެއްކަމަށް ހީވެސްނުކުރާށެވެ!  

- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

 -ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން