މާތް ﷲ ދެއްވަވާ ތަނަވަސްކަމުން ދަރިންނަށް ޙައްޤު މިންވަރަށް ޚަރަދުނުކުރާ މީހަކަށް ދުނިޔޭގައިވެސް ހިތާމަކުރަން ނުޖެހިނުދާނެކަން އެނގިގެންދާ ޢިބްރަތްތެރި ޙާށދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
މާތް ﷲ ދެއްވަވާ ތަނަވަސްކަމުން ދަރިންނަށް ޙައްޤު މިންވަރަށް ޚަރަދުނުކުރާ މީހަކަށް ދުނިޔޭގައިވެސް ހިތާމަކުރަން ނުޖެހިނުދާނެކަން އެނގިގެންދާ ޢިބްރަތްތެރި ޙާށދިސާއެއްގެ ވާހަކަ-

ތަފާތު ބަހަނާތައް ދައްކައި ދަރިންނަށް ޚަރަދުނުކުރާ މީހުންނަށް ބުނެލަން އޮތީ ﷲ ތަޢާލާ ދެއްވަވާ މިންވަރުން ދަރިންނަށް ޚަރަދުނުކުރަން ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތެވެ. ﷲ ތަޢާލާ އެމީހެއްގެ މައްޗަށް ވާޖިބުކުރައްވަވާފައިވާ ކަމެއް ނުކުރަން ދެއްކޭނީ ކޮން ބަހަނާއެއް ހެއްޔެވެ؟ 

މިއީ އެކަނިވެރިމައިންނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ. އެންމެ ގިނަ ބައަކު ސުވާލުތައްކުރާވެސް މައްސަލައެވެ. އެފަދަ ބައްޕައިންނަށް ބުނެލަން އޮތީ ބައެއް ޢިލްމުވެރިން ސިފަކުރައްވާ ގޮތުގައި އަތުގައި ތަނަވަސްކަން ހުރެމެ ދަރިންނަށް ޚަރަދުނުކުރާ ބައްޕައިންނަކީ ޝައިޠޯނުންގެ ތެރެއިންވާ ބައެކެވެ. ސަބަބަކީ އޭނާގެ ދަރިފުޅަށް ކިޔަވައިދީ ޢިލްމުވެރިކުރުވުމުގެ ބަދަލުގައި ޝައިޠޯނާގެ މަގުން ދަރިފުޅު ދުއްވާލަން އެމީހުން ބޭނުންވާތީއެވެ. އެފަދަ މީހުންނަށް ދުނިޔެއާ އާޚިރަތުގައިވެސް އެކަމަށް ކުރިމަތިލާންޖެހޭނެއެވެ. 

ތިރީގައި އެވަނީވެސް ދަރިފުޅަށް އިހްމާލްވެ ޚަަރދުނުކުރި ބައްޕައަކަށް ކަންކަން މެދުވެރިވި ގޮތުގެ ވާހަކައެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ! 

ކައިވެނި ރޫޅުމަކީ ޢާންމުކަމެކެވެ. އަދި ދަރިން ލިބުމުން ނުބަލައި ދޫކޮށްލުމަކީވެސް ޢާންމުކަމެކެވެ. ނަމަވެސް ޚާއްޞަ ކަމަކީ އަނބިދަރިން އުކައިލާ މީހުންނަށް އުފަލުގައި ދިރިނުއުޅެވޭ ކަމެވެ. ޙަޔާތުގެ ކޮންމެވެސް ހިސާބަކުން އެކަމުގެ ހިތާމަކުރަންޖެހޭ ކަމެވެ. 

އަޅުގަނޑަކީވެސް އެންމެ ޒުވާން އުމުރުގައި، އެންމެ 23 އަހަރުގައި ކައިވެނިކުރި އަންހެނަކީމެވެ. ކައިވެންޏަށް 3 ވަނަ އަހަރު ދަރިއަކު ލިބުނެވެ. ދަރިފުޅުގެ ފުރަތަމަ އުފަންދުވަސް ފާހަގަކުރެވުނުތާ މަސްދުވަސްނުވަނީސް ފިރިމީހާ އަޅުގަނޑުމެން ދެމައިން ދޫކޮށްލާފައި ހިނގައްޖެއެވެ. 

އެހިސާބުން ދަރިފުޅުގެ ހުރިހާ ކަމެއް ކުރަންޖެހުނީ އަޅުގަނޑަށެވެ. އެންމެކުޑަމިނުން ދަރިފުޅުގެ ޙާލުވެސް ބަލައިނުލައެވެ. ހުރިހާ ކަމެއްކުރަންޖެހުނީ އަޅުގަނޑުގެ މުސާރައިންނެވެ. ނަމަވެސް ޝަކުވާއެއް ނުކުރަމެވެ. ޚަރަދު ހޯދާކަށްވެސް ނުއުޅެމެވެ. އެއީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދަރިންނަށް ޚަރަދުކުރަންޖެހޭނީ ކޯޓުއަމުރެއްގެދަށަކުން ނޫނެވެ. ދަރިންނަށް ޚަރަދުކުރަން ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވާތީއެވެ. 

ކޮންމެއަކަސް ދަރިފުޅުގެ އުމުރުން 4 ވަނަ އަހަރު ދަރިފުޅުގެ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށްދާން ޖެހުނެވެ. އެކަމަށް ބޭނުންވާވަރަށް އަތުގައި ފައިސާ ނެތުމުން އޭނާއަށް ގުޅުމުން ދިން ޖަވާބަކީ "މިވަގުތު އަތަކު ފައިސާއެއް ނެތެވެ. މިއުޅެނީ މާބޮޑަށް ވިޔަފާރިއަށް އިންވެސްޓްކުރެވިގެންނެވެ. އަތުގައި ހުރި ހުރިހާ ފައިސާއެކުގައެވެ." 

ބޭނުންވާ ފައިސާ ހޯދަން މަސައްކަތްކުރަމުން ދަނިކޮށް މާތް ﷲ ގެ ރަޙްމަތްފުޅުން ދަރިފުޅަށް ޝިފާ ލިބުނެވެ. ދަތުރުކުރަން ނުޖެހި ކަންކަން ހަމަޖެހިއްޖެއެވެ. 

ދަރިފުޅުގެ ޢުމުރުން 10 އަހަރު ފުރުނުތަނާ އެއް ދުވަހަކު ގެއާއި ވަރަށް ކައިރިން އޭނާ އާއި ބައްދަލުވިއެވެ. "އަހަރެންނަށް މާފުކުރާށެވެ. އަހަރެންނަށް ކުރެވުނު ކުށް ވަރަށް ބޮޑުކަމަށް ޤަބޫލުކުރަމެވެ. މާފުކުރަން ވަރަށް އުނދަގޫވާނެކަންވެސް އެނގެއެވެ. ނަމަވެސް އަދިވެސް ކައިވެނި ނުކޮށް ތިއަހުރީ ކޮންމެވެސް ކަމެއްވެގެންކަން ޤަބޫލުކުރަމެވެ. އަހަރެން ބަނގުރޫޓުވެއްޖެއެވެ. ބޭންކް ލޯނު ނުދެއްކިގެން ގެވެސް ނީލަންކިޔައިފިއެވެ. އެއީ އިއުލާނުކޮށްގެން ކުރިކަމަށްވާތީ އެކަން އެނގޭނެކަންވެސް އެނގެއެވެ. މިއަދު މިހުރީ ފަޤީރު ޙާލުގައި މަގުމަތިވެސް ވެފައެވެ." 

އަޅުގަނޑު ބުނީމެވެ. "އަހަރެންގެ ހުރިހާ ލޯތްބެއް ދަރިފުޅަށް އިންވެސްޓްކޮށްފީމެވެ. ބާކީއެއް ނެތެވެ." އެހެން ބުނެފައި ހިނގައި ގަތުމުން އެއީ ކާކުތޯ ދަރިފުޅު ސުވާލުކުރުމުން ފުރަތަމަ ފަހަރަށް ދަރިފުޅުގާތު ދޮގުހެދުނެވެ. "އެއީ ކާކުކަމެއް ނުއެނގެއެވެ! ހީވަނީ ސަލާންޖަހާ މީހެއް ހެންނެވެ." އެހެން ބުނެވުނީ އެހައި ދުވަސްފަހުން ދަރިފުޅު ފެނުމުންވެސް އޭނާއާއި ވާހަކަދައްކައިލުމުގެ ބަދަލުގައި ދިރިއުޅޭނެ ތަނެއް ހޯދަން އުޅުނީތީއެވެ. އެކަމަށް ވަޤުތުން ތައުބާވެސްވީމެވެ. 

މިކިޔައިދިނީ އަޅުގަނޑަށް އެނގުނު ވާހަކައެކެވެ. ދަންނަވަން އޮތީ މިހާދިސާ އާއި ވަރަށް އެއްގޮތް ކަމެއް ހަމަ އަޅުގަނޑަށްވެސް ކުރިމަތިވިކަމެވެ. އަޅުގަނޑަށްވެސް ދެވުނީ ހަމަ އެފަދަ ޖަވާބެއް ކަމެވެ.

 

- ރާމިޒާ/ މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން