ރާއްޖޭގައި މިވީ ދެއަހަރުގެ ތެރޭގައި ސިޔާސީ ގޮތުން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ. މިވާހަކަފުޅުތައް ދެއްކެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 2 އަހަރު ފުރުމާ ގުޅިގެންގެނެސްދިން "ހަފްތާ 104" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޢަބްދުއްރަޙީމް ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ސިޔާސީ ގޮތުން އެކި މީހުންނަށް ފިޔަވަޅު އެޅުން ނިމުމަކަށް ގެނެސް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޤާނޫނުގައިވާ ގޮތަށް ފަހިކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. މި ވައުދުފުޅާ އެއްގޮތަށް، މިވީ ދެ އަހަރުގެ ތެރޭގައި ސިޔާސީ ހަރަކާތްތަކާ ގުޅިގެން އެއްވެސް ފަރާތެއް ހައްޔަރުކޮށްފައިނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި އުފެދުނު ސަރުކާރުތަކާއި އަދުގެ ސަރުކާރު ވަރަށް ތަފާތު ކަމަށެވެ. އަދުގެ ސަރުކާރުން ކުރީ ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމުގެ އިތުރުން، ސިޔާސީ ހަމަޖެހުން ޤާއިމުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް އެއްވެސް ސަރުކާރަކުން ޤާއިމުނުކުރެވޭ ވަރަށް މި ދެ އަހަރު ތެރޭގައި ސިޔާސީ ހަމަޖެހުން ޤާއިމުވެފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އައިސްފައިވާ މުހިންމު ބަދަލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.