މިމަހުގެ މިހާތަނަށް ސްކޭމްގެ 119 މައްސަލައެއް ރިޕޯޓް ކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މައްސަލަތަކުގައި ޖުމްލަ 1,051,290.33 ރުފިޔާގެ ބޮޑު އަދަދެއް ވަނީ ފޭރިގަނެވިފައެވެ. ސައިބަރ ކްރައިމްގެ މިފަދަ މައްސަލަތައް އިތުރުވަމުންދާތީ، ރައްކާތެރިވުމަށް ފުލުހުން އަބަދުވެސް އަންނަނީ އިރުޝާދު ދެމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހާ ހަމައަށް ޖުމްލަ 119 ސްކޭމްގެ މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ސްކޭމްގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ އަތުން ޖުމްލަ 1,051,290.33 ރުފިޔާ ވަނީ އަތުލާފައެވެ.
ރިޕޯޓް ކުރެވުނު ސްކޭމްގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާސް އާއި ގުޅުންހުރި މައްސަލަތަކެވެ. އީ-ކޮމާސް ސްކޭމްގެ 61 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، ފޯނުން ގުޅައިގެން ހިންގާފައިވާ ސްކޭމްގެ 26 މައްސަލަ ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި 13 މައްސަލަ އަދި އެހެނިހެން 14 މައްސަލަ ހިމެނެއެވެ. އިންވެސްޓްމެންޓް ސްކޭމްގެ 2 މައްސަލަ އާއި ފިޝިން ސްކޭމްގެ 1 މައްސަލަވެސް ރިޕޯޓްކޮށްފައިވެއެވެ.
މި ސްކޭމްތައް ހިންގުމަށް މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވާ އެޕްލިކޭޝަންތަކުގެ ތެރޭގައި ފޭސްބުކް، ވައިބަރ، ޓެލެގެރާމް އަދި ވަޓްސްއަޕް ހިމެނެއެވެ. މިކަމުން ދައްކައިދެނީ އާންމުން ދިރިއުޅުމުގައި ބޭނުންކުރާ އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ސްކޭމް ކުރާ މީހުންގެ ނުރައްކާ ބޮޑުވެފައިވާ މިންވަރެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތާއި، އެންޓި ސްކޭމް ސެންޓަރުން އަބަދުވެސް އަންނަނީ އާންމުންނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި އިރުޝާދުތައް ދެމުންނެވެ. އާންމުންގެ އެއްބާރުލުން މިފަދަ ކުށްތައް ހުއްޓުވުމަށް ވަރަށް މުހިއްމުކަމަށް ފުލުހުން ވިދާޅުވެއެވެ。