ކުރިއަށް އޮތް ރޯދަމަހަށް ސަރުކާރުން ދިނުމަށް ހަމަޖައްސާފައިވާ ރޯދަ ހަދިޔާ، މަސްދަޅުކޭސް އުފެއްދުމުގެ މަސައްކަތުގެ 33 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް މަސްވެރިކަމުގެ ދާއިރާގެ ދައުލަތުގެ ކުންފުނި، މިފްކޯއިން ބުނެފިއެވެ. މި މަސައްކަތް ނިންމާލުމަށް އަމާޒުކޮށްފައިވަނީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ ދެވަނަ ހަފްތާއަށެވެ.
މިކަމާގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މިފްކޯއިން ވިދާޅުވީ، ރޯދަ ހަދިޔާ ދިނުމަށް ބޭނުންވާ މަސްދަޅު އުފެއްދުމުގެ މަސައްކަތް މިދިޔަ އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް މަސައްކަތުގެ ތިންބައިކުޅަ އެއްބައި ނިމިފައިވާއިރު، މަސައްކަތް ނިންމުމުގެ ޓާގެޓް ވަރަށް ބޮޑަށް ހާސިލުވާނެ ކަމަށް އެކުންފުނިން ބެލެއެވެ.
މިފްކޯއިން އިތުރަށް ވިދާޅުވީ، މަސްދަޅު އުފެއްދުމުގައި މިދިޔަ އަހަރު ރައްޔިތުންނަށް ރޯދަ ހަދިޔާ ދިނުމަށް އުފެއްދި މިންވަރަށް ރިޢާޔަތްކޮށްފައިވާ ކަމަށެވެ. އަދި ރޯދަމަހަށް ދުރާލާ ތައްޔާރުވެ، މަސްދަޅު ފޯރުކޮށްދިނުމުގެ މަސައްކަތް ވަގުތަށް ނިންމުމަށްޓަކައި އެކުންފުނިން ވަނީ އިސްކަންދީގެން މަސައްކަތް ފަށާފައިކަންވެސް އެކުންފުނިން ފާހަގަކުރިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވުމަށް ފަހު ކޮންމެ ރޯދަމަހަކުވެސް ރައްޔިތުންނަށް ރޯދަ ހަދިޔާ ސަރުކާރުގެ ފަރާތުން ދަނީ ދެމުންނެވެ. އެގޮތުން މިދިޔަ ރޯދަމަހެކޭ އެއްގޮތަށް، ކުރިއަށް އޮތް ރޯދަމަހުވެސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ވަނީ ނިންމަވާފައެވެ. މި މަސްދަޅު އުފެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާތީ، ރޯދަމަހުގެ ކުރިން ރައްޔިތުންނަށް ހަދިޔާ ފޯރުކޮށްދެވޭނެ ކަމަށް އުންމީދު ކުރެވެއެވެ.