ދުނިޔޭގެ ކުރިއަރައިގެން ގޮސްފައިވާ ޤައުމުތަކުގައިވެސް ޢަމަލުކުރާ ފަދަ ފޮރިން އިންވެސްޓްމެންޓް ނިޒާމެއް މިހާރު ރާއްޖޭގައި ޤާއިމުކުރެވިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ސަޢީދު ވަނީ، މި ނިޒާމު ގެނައުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ވަޒީރު ވިދާޅުވީ، ކުރިން އޮތް ޤާނޫނަށް ގިނަ ދުވަސްތަކެއް ވަންދެން އިސްލާހު ނުގެނެސް ބާއްވާފައި އޮތްއިރު، ދުނިޔެއަށް ގިނަ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެހެންކަމުން، ވިޔަފާރީގެ ނިޒާމަށް އިތުބާރު އުފައްދާނެ ގޮތަކަށް، ކުރީގެ ޤާނޫނުތައް ޒަމާނަށް ފެއްތުމުގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިހާރު ޤާނޫނު އިސްލާހު ކުރެވި، އެއާގުޅޭ އުސޫލުތައް ތަޢާރަފް ކުރެވިފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، މި ބަދަލުތަކާއެކު މިހާރު ތަޢާރަފް ކުރެވިފައިވާ ފޮރިން އިންވެސްޓްމެންޓް ނިޒާމަކީ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ނިޒާމެއް ކަމަށެވެ. އަދި މި ނިޒާމަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ޢަމަލުކުރާ ފަދަ ނިޒާމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. "ދުނިޔޭގެ ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފަ ހުރި ޤައުމުތަކުގައިވެސް ޢަމަލުކުރާ ނިޒާމު މިހާރު މިއޮތީ އިރާދަކުރެއްވިއްޔާ ގެނެވިފައި."
މި ޤާނޫނުގެ ސަބަބުން ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކަށް ޔަޤީންކަން ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ، މިހާރު ފާސްވެފައިވާ ޤާނޫނަކީ ޒަމާނީ، ދެފުށް ފެންނަ ޤާނޫނެއް ކަމަށާއި، މި ޤާނޫނާއެކު ދިވެހިންނަށް ޚާއްސަ ވިޔަފާރީތައް ކަނޑައެޅިފައިވާ ކަމަށެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުންތަކެއް ލިބި، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.