މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ފެށި ބޮޑު އޮޕަރޭޝަން ކަމުގައިވާ "އަލިމަގު" އޮޕަރޭޝަންގައި 23 މިލިޔަން ރުފިޔާގެ ތަކެތި އަތުލައިގަނެ، 110 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ. މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.
މިކަމާގުޅިގެން މީޑިއާއަކަށް މައުލޫމާތުދެއްވަމުން ވަޒީރު އަލީ އިޙުސާން ވިދާޅުވީ، މި އޮޕަރޭޝަންގެ ދަށުން ޖުމްލަ 110 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، އަތުލައިގަނެފައިވާ ތަކެތީގެ އަގު 23 މިލިޔަން ރުފިޔާއަށް އަރާ ކަމަށެވެ. އަތުލައިގަނެފައިވާ ތަކެތީގެ ތެރޭގައި މަސްތުވާތަކެއްޗާއި، އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރާ ތަފާތު އެކި ސާމާނު ހިމެނެއެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައި ބައެއް ތަންތަން ވެސް ފުލުހުން ވަނީ ބަންދުކޮށްފައެވެ.
ވަޒީރު އިޙުސާން ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ރައްޔިތުންނަށް ބޮޑު ގެއްލުމެއް ދިން ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. "އެ ފަރާތްތަކުން މަސްތުވާތެތީގެ ވިޔަފާރިކޮށް، ރައްޔިތުންނަށް ދިން ބޮޑު ގެއްލުމާއި ޤާނޫނު އަރާ ހަމަކުރާނެ،" ވަޒީރު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް، އިސްލާމީ ޝަރީޢަތުގައި ޤާނޫނު ހުއްދަ ކުރާ އެންމެ ބޮޑު އަދަބު އެމީހުންނަށް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގައި އެންމެ ބޮޑު އިސްކަމެއް ދެނީ، މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވުމާއި، މި ތަކެތި ވިއްކާ ފަރާތްތައް ހުއްޓުވުމަށެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގެ މަސްތުވާތަކެތީގެ ނެޓްވޯކްތައް ރޫޅާލުމަށް ކުރާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެއެވެ.