އީ-ވިސާ ނިޒާމަށް މިއަދުން ފެށިގެން ރަސްމީކޮށް ޢަމަލުކުރަން ފަށާފައިވާއިރު، މިކަމާ ގުޅިގެން ސަމާލުވާންޖެހޭ މުހިންމު ކަންކަން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އާއްމުކޮށްފައެވެ. މިއީ ރާއްޖޭގެ އިމިގްރޭޝަން ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ ބޮޑު މަޝްރޫޢު، މޯލްޑިވްސް 2.0 ގެ ދަށުން ތަޢާރަފްކުރެވުނު ޚިދުމަތެކެވެ.
އީ-ވިސާގެ ޚިދުމަތް ރާއްޖޭގައި ރަސްމީކޮށް އިފްތިޠާހްކޮށްދެއްވީ ނޮވެމްބަރު 10 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ނިޒާމުގެ ދަށުން، ވޯކް ވިސާގެ ކަންކަން ކުރިއަށްދާނެ ގޮތަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ.
އިމިގްރޭޝަނުން މީސްމީޑިއާގައި އާއްމުކުރި މަޢުލޫމާތުގައިވާ ގޮތުން، 2025 ނޮވެމްބަރު 23 އިން ފެށިގެން، ޕާސްޕޯޓުގައިވާ ވޯކް ވިސާ އޮޓަމެޓިކުން އީ-ވިސާއަށް ބަދަލުވާނެއެވެ. އެ ތާރީޚަށް ފަހު، ޕާސްޕޯޓުގައި ޖަހާފައިވާ ވޯކް ވިސާ، ވެލިޑް ވިސާއެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އެހެންކަމުން، އެ ތާރީޚުން ފެށިގެން، ވޯކް ވިސާއެއްގެ ގޮތުގައި ބަލާނީ ހަމައެކަނި އީ-ވިސާއެވެ.
އިމިގްރޭޝަނުން ހާމަކުރެއްވި ގޮތުގައި، އީ-ވިސާގެ މުއްދަތު ދެން ބިނާވާނީ ވޯކް ޕާމިޓުގެ މުއްދަތަށެވެ. އަދި ނޮވެމްބަރު 23، 2025 އިން ފެށިގެން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް ފަރާތްތަކަށް އެކަންޏެވެ. ހަމައެހެންމެ، ރާއްޖެއިން ފުރުމުގެ ހުއްދަ ދޭނީވެސް މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް ފަރާތްތަކަށް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އަލަށް ވޯކް ޕާމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީންނަށް އެތެރެވުމުގެ ހުއްދަ ދެވޭނީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އޮންނަ ފަރާތްތަކަށް ކަމަށް އިމިގްރޭޝަނުން އިތުރަށް ހާމަކޮށްފައިވެއެވެ. މިއީ ވިސާގެ ކަންކަން ޑިޖިޓަލްކޮށް، ޚިދުމަތްތައް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.