ވިލިމާލެ ހޮސްޕިޓަލް ހިންގުން ވަގުތީގޮތުން ބަދަލުކުރާ އަމާން ހިޔާ މަރާމާތު ކުރުމަށް އާރް.ޑީ.ސީއާ ޙަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ވިލިމާލެ ހޮސްޕިޓަލް ހިންގުން ވަގުތީގޮތުން ބަދަލުކުރާ އަމާން ހިޔާ މަރާމާތު ކުރުމަށް އާރް.ޑީ.ސީއާ ޙަވާލުކޮށްފި

ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީގޮތުން ބަދަލުކުރުމަށް ހަމަޖެހިފައިވާ އަމާން ހިޔާގެ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް، ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާ ޙަވާލުކޮށްފިއެވެ. މި މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދުއެވެ.

މި އެއްބަސްވުމުގެ ދަށުން އާރް.ޑީ.ސީއިން ކުރިއަށްގެންދާނީ ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީ ގޮތުން ދިނުމަށްޓަކައި އަމާން ހިޔާގެ އިމާރާތަށް ބޭނުންވާ މަރާމާތުތައް ކުރުމެވެ. ވިލިމާލެ ހޮސްޕިޓަލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢިބްރާޙީމް ޢަބްދުއްރައްޒާޤު ޙަލީމް އެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢިބްރާހީމް ނަޒީމް އެވެ.

ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީގޮތުން ބަދަލުކުރަން ޖެހުނީ، މިހާރު ހުރި ހޮސްޕިޓަލު ތަޅާލައި އެތަނުގައި ޒަމާނީ ފެންވަރުގެ އައު ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމާފައިވާތީއެވެ. މި މަޝްރޫޢުގެ ދަށުން ވިލިމާލޭގައި ތަރައްޤީކުރާނީ 100 އެނދުގެ ބޮޑު ހޮސްޕިޓަލެކެވެ.

މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ހޮސްޕިޓަލުގެ ޢިމާރާތާއި ވަޞީލަތް ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއްވެސް ކުރިއަށްގެންދާނީ ޗައިނާ ސަރުކާރުންނެވެ. އަމާން ހިޔާ މަރާމާތުކޮށް ނިމުމުން، އައު ހޮސްޕިޓަލުގެ މަސައްކަތް ނިމެންދެން ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ދެމުންދާނީ އެތަނުންނެވެ.

މިއަދު އޮންލައިން