ޢިބްރަތްތެރި ވާހަކަ: ދުނިޔޭގަ މަންމަ ނެތީމަ މަންމައަށް ޘަވާބުދެއްވެވުން އެދި މުސްކުޅި އަންހެނަކު ބެލި އަންހެނަކަށް ކާމިޔާބު، އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 31ސ
ޢިބްރަތްތެރި ވާހަކަ: ދުނިޔޭގަ މަންމަ ނެތީމަ މަންމައަށް ޘަވާބުދެއްވެވުން އެދި މުސްކުޅި އަންހެނަކު ބެލި އަންހެނަކަށް ކާމިޔާބު، އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަހުރެންނަކީ މައިންބަފައިން ނިޔާވުމުން އެކަނި ދިރިއުޅެމުން އައި އަންހެނަކީމެވެ. ބައްޕަގެ ގެ އަހުރެންނަށް ލިބުނެވެ. އެއީ 3 ކޮޓަރީގެ ގެއެކެވެ. އެކަނި ދިރިއުޅެން ވަރަށް ބޮޑެވެ. އެހެންކަމާއިއެކުވެސް ގެއަށް އެއްވެސް މީހަކު ގެންނާކަށް ނޫނީ ކުއްޔަށްދޭކަށް ބޭނުމެއް ނުވިއެވެ. އެހެންވެ ދިރިއުޅުނީ އެކަންޏެވެ. ލިބޭ މުސާރައިން ފުއްދާލައިގެންނެވެ.  

އަހުރެންގެ ހުންނަނީ އެންމެ އެކުވެރިއެކެވެ. އެއީ ކައިވެނިކޮށްގެން އުޅޭ އަންހެނެކެވެ. އެގޭގައި އުޅެނީ އެދެމަފިރިންނާއި ފިރިމީހާގެ މަންމައެވެ. އަހުރެން ގޮސްލައި އުޅޭ ގެއަކީވެސް އެގެއެވެ. އެގެއަށް ގޮސް އުޅުމުގެ ތެރޭގައި ފާހަގަކުރެވުނު އެއްކަމަކީ އެކުވެރިޔާ އޭނާގެ މައިދައިތައަށް ކަންކަން ކުރަނީ ވަރަށް ގޯސްކޮށް ކަމެވެ.  

އެއީ ޢުމުރުން ދުވަސްވީ އަންހެނެކެވެ. ހަނޑާންނެތުމުގެ މައްސަލަ ވަރަށް ބޮޑެވެ. އެހެންވެ އޭނާގެ ދަރިފުޅުގެ ގާތުގައި ވާހަކައެއް ބުންޏަސް ޤަބޫލެއްވެސް ނުކުރެއެވެ. ޤަބޫލުކުރަމުން އައީ އަނބިމީހާ ދައްކާ ވާހަކަތަކެވެ.  

އެކަންކަން ފާހަގަކުރެވުނީމާ ބުނީމެވެ. "އަހުރެން ދިރިއުޅެނީ އެކަންޏެވެ. އަހުރެންނަށް މަންމަ ދޭށެވެ. މަންމަ ބަލައިދޭނަމެވެ. އެއީ އެކަމުގެ ޘަވާބު މަންމައަށް ލިބެން އެދިގެންނެވެ. އެހެންވެ އެކަމަށް އެއްވެސް އަގެއްވެސް ބޭނުމެއް ނޫނެވެ. ބޭނުން އިރަކު މަންމައަށް ޒިޔާރަތްކޮށް އުޅެވޭނެއެވެ." 

އެދެމަފިރިން އެކަމަށް ރުހި ޤަބޫލުވުމުން އަހުރެން އެމަންމަ ގެއަށް ގެންގޮސްގެން ބަލަން ފެށީމެވެ. އުފަން މަންމަ ފަދައިންނެވެ. ވެވުނު އެންމެ ބޮޑަކަށް ހެޔޮކޮށް ހިތައިގެންނެވެ. އެކަމުގެ ސަބަބުން ކަމަށް ބުނާކަށް ނެތީމެވެ. އެމަންމައަށް ޝިފާލިބެން ފެށިއެވެ. ހަނދާން ނެތުމުގެ ކަންތައް ރަނގަޅުވިއެވެ. އަބަދުހެން އަޅުކަމުގައި އުޅެން ފެށިއެވެ. ކޮންމެ ރެއަކުހެން ނިންދަވަން ބޭއްވީމާ ބުނާނެއެވެ. "އަހުރެން އެގެއަށް ދެން ނުފޮނުވާށެވެ. މަންމަ ދަރިފުޅަށްޓަކައި ވަރަށް ގިނައިން ހެޔޮދުޢާކުރަމެވެ. ދަރިފުޅަށް ރަނގަޅު ފިރިއަކު ދެއްވަވާނެތެވެ. އިން ޝާ ﷲ" 

އަހުރެން އެމަންމަ ގެންގުޅޭތާ 2 އަހަރުވީއިރުވެސް އޭނާގެ ދަރިފުޅުވެސް އަދި އޭނާގެ އަނބިމީހާވެސް އެންމެ ފަހަރަކުވެސް މަންމަ ދެކެލާކަށް ނައުދެއެވެ. ފޯނުން ވާހަކަދައްކާއިރު ޙާލު އަހައިލައެވެ. އެހިސާބުން އެނިމުނީއެވެ. އެކަމަކުވެސް އެއްވެސް އެއްޗެއް ނުބުނަމެވެ.  

އެދުވަސްވަރު ޒުވާނަކު އަހުރެންނަށް ލޯބިހުށަހަޅަން ބޭނުންކަމަށް ބުނުމުން ވާހަކަ ދައްކަން ގެއަށް އައުމަށް ބުނީމެވެ. އޭނާ އެރޭ ގެއަށް އައުމުން މަރުޙަބާކީ ދެމައިންނެވެ. (އެމަންމައާއި އަހުރެންނެވެ.) ތަޢާރަފްކޮށްދިނީވެސް މަންމަގެ ގޮތުގައެވެ. އެއީ އެނޫންގޮތަކަށް ބުނެފިނަމަ މަންމަ ދެރަވާނެތީއެވެ. ފަހުން ޙަޤީޤަތް ބުނަންޖެހޭނަމަ (ކައިވެނިކުރެވޭނަމަ) ކިޔައިދިނުމަށެވެ.  

ޒުވާނާ ބުނީ އޭނާއަކީ ތަނަވަސް މީހެއްގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅުކަމަށެވެ. އަދި ބައްޕައަކީ ކާކުކަން ކިޔައިދިނުމުން އެމަންމަ ސުވާލުކުރިއެވެ. "އެހެންވިއްޔާ ތިއައީ މޮހޮދު ހެއްޔެވެ؟" ޒުވާނާއަށް ސިހުމެއް ލިބުނެވެ. ސިއްސައިގެން ގޮސްފައި ބުނީ ތިއައީ ޢާއިލާގެ މީހުން ކިޔާ ނަމެއް ކަމަށެވެ.  

އެމަންމަ ބުންޏެވެ. "މެލޭސިޔާއަށް ކިޔަވަންދިއަ ފަހުން ނުފެންނާތީ ޔަޤީން ނުކުރެވުނީއެވެ. ހިކިފައި އިންވަރުން މޮހޮދަށްވެސް ނުއެނގުނީތާއެވެ. މިއީ ބޮޑޭ (ލޯބިން ބޮޑުދައިތައަށް ކިޔާނަމެއް)އެވެ.  

އެހިސާބުން ޒުވާނާގެ ސުވާލަކަށްވީ "ބޮޑުދައިތަގެ އަންހެން ދަރިއަކު ހުރީހެއްޔެވެ؟ ކުރިއަކުން ނުއެނގެއެވެ. އެނގެނީ ބޭނެ އެކަންޏެވެ." ދެން ޖެހުނީ ހުރިހާ ވާހަކަތަކެއް ކިޔައިދޭށެވެ. އަޑުއަހައި ނިމިގެން އޭނާ ބުންޏެވެ. "ބޮޑުދައިތައަށް ހެޔޮކޮށް ހިތުމަކީ މަންމަގެ ވަރަށް ބޮޑު ވަޞިއްޔަތެކެވެ. ވީމާ އަހުރެންނާއި ތިބާ ކައިވެނިކޮށްފިނަމަ ހެޔޮލަފާ ރަނގަޅު އަންތބަކު ލިބުމުގެއިތުރުން ބޮޑުދފައިތަވެސް ބެލުނީއެވެ. ތިބާ ބޮޑުދައިތައަށް ތިއަކޮށްދިނީ މިޒަމާނުގައި މީހަކު ކޮށްދޭނެވަރުގެ ވަރުގެ ކަމެއް ނޫނެވެ. ތިއައުފުލީ މާބޮޑު ބުރައެކެވެ."  

އިތުރަށް އެވާހަކަ ކުރިއަކަށް ނުގެންދަމެވެ. ބުނީމެވެ. "އަހުރެން ކުރިކަމެއް ކުރީ ﷲ އަށްޓަކައެވެ. ވީމާ އެވާހަކަ ބާއްވާށެވެ! މިމަންމައަށްޓަކައިވެސް މިހުރީ ކައިވެނިކުރާށެވެ! އެކަމުން މަންމައަށް ހިތްހަމަޖެހުން ލިބޭނެތީއެވެ. ދެން އޮތްބައި ﷲ އަށް ވަކީލެވެ."  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އެކައިވެންޏަށް މިހާރު 17 އަހަރުފުރުނީއެވެ. އެމަންމަ ދާދިފަހުން ނިޔާވަންދެންވެސް މަންމަފަދައިން ބެލީމެވެ. އެމަންމަގެ ހެޔޮދުޢާއާއިއެކު  އަހުރެންގެ ޒަވާޖީ ޙަޔާތަކީ ވަރަށް އުފާވެރި ޙަޔާތެކެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މަންމަ ދުނިޔޭގައި ނެތްނަމަ މަންމައަށް ޘަވާބަށް އެދިގެން ނިކަމެތި އަންހެނަކަށް އެހީތެރިވާށެވެ! މަންމައަށް އެކަމުގެ ޘަވާބުލިބުމުގެ އިތުރުން އެމީހަކަށްވެސް ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- ސާމިޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން