މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ ފަށައިފި

ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ބާއްވާ "މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025" ހައްދުންމަތީ ގަމުގައި ފަށައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން އިފްތިތާޙުކުރެއްވި މި މަހާސިންތާ ފަށާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.

މި މަހާސިންތާގެ މައިގަނޑު މަޤުޞަދަކީ ކުނި މެނޭޖުކުރުމުގެ ދާއިރާގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދައި، މި ދާއިރާއިން ކުރިއެރުންތައް ހޯދުމަށް ޤައުމީ ފެންވަރުގައި މަޝްވަރާކުރުމެވެ. ވުޒާރާއިން ވިދާޅުވާ ގޮތުގައި، މި މަހާސިންތާގެ ތެރެއިން ބައިވެރިންގެ މެދުގައި ޚިޔާލު ބަދަލުކޮށް، އެކުލަވާލެވޭ ރޭވުންތަކުގެ ތެރެއިން، ރާއްޖެއަށް ފައިދާހުރި ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ސާފުތާހިރު ރާއްޖެއެއް ބިނާކުރުމަށް ކުރެވޭ ޤައުމީ މަސައްކަތުގެ މުހިންމު ބައެއްކަމަށް ވެސް ތިމާވެށްޓާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަހާސިންތާ ބާއްވަނީ ވޯލްޑް ބޭންކްގެ އެހީތެރިކަމާއެކު، ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތުގައި ކުންޏާއި ވަޞީލަތްތައް މެނޭޖުކުރުމާ ގުޅޭގޮތުން ޚިޔާލުތަކާއި ތަޖުރިބާތަކާއި މުހިންމު މަޢުލޫމާތުތައް ހިއްސާކުރުމުގެ މަޤުސަދުގައި ކަމަށެވެ. އަދި މި މަހާސިންތާގައި ކުނި މެނޭޖްކުރުމާއި ތިމާވެއްޓާ ގުޅުންހުރި ތަފާތު ސިޔާސަތުތަކާއި ޤާނޫނުތަކާއި ޤަވާޢިދުތަކުގެ އިތުރުން ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

މަހާސިންތާގައި ކުނި މެނޭޖްކުރުމުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ގެންގުޅޭ ތަފާތު މޮޑެލްތަކަށް އަލިއަޅުވާލައި، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމެއްގައި މިކަން ދެމެހެއްޓެނިވި އުސޫލެއްގެ ތެރެއިން ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަހާސިންތާގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ކުނި މެނޭޖުކުރުމުގެ ނިޒާމަށް ދެމެހެއްޓެނިވި ބަދަލުތަކެއް ގެނައުމަށް މަގުފަހިވެގެންދާނެކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން އުންމީދުކުރައްވައެވެ.

މިއަދު އޮންލައިން