މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާ ބޯޓުތަކުން އުފުލި ފަސިންޖަރުންގެ އަދަދު 46،000 އަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާ ބޯޓުތަކުން އުފުލި ފަސިންޖަރުންގެ އަދަދު 46،000 އަށް!

މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރި ވައިޑް-ބޮޑީ މަތިންދާ ބޯޓުތަކުން މިހާތަނަށް 46،000 އަށް ވުރެ ގިނަ ފަސިންޖަރުން އުފުލާފައިވާކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ. މި އަދަދަކީ ވައިޑް-ބޮޑީ ބޯޓުގެ ޚިދުމަތް ފެށިފަހުން ކުރު މުއްދަތެއްގެ ތެރޭގައި ހޯދިފައިވާ ބޮޑު ކާމިޔާބެކެވެ.

މޯލްޑިވިއަންގެ ޚިދުމަތަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައީ މިދިޔަ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ ދަށުން ހާސިލުކުރެވުނު ކަމެކެވެ. މޯލްޑިވިއަންގެ ފްލީޓަށް ފުރަތަމަ ފަހަރަށް ގެނައި މި ވައިޑް-ބޮޑީ މަތިންދާ ބޯޓަކީ 264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ މަތިންދާ ބޯޓެކެވެ.

މި ބޯޓުގެ ދަތުރުތައް ފަށާފައިވަނީ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ދަތުރު ފެށީ ޗައިނާގެ ޗެންޑޫއަށެވެ. މޯލްޑިވިއަނުން ހާމަކުރި ގޮތުގައި މިހާތަނަށް ވައިޑް-ބޮޑީ މަތިންދާ ބޯޓުގައި ޖުމްލަ 140 ދަތުރުކޮށްފައިވެއެވެ. މި ދަތުރުތައް ކޮށްފައިވަނީ 3 ޤައުމަކަށެވެ؛ އެއީ ޗައިނާ، ސައުދީ އަރަބިއްޔާ އަދި އިންޑިއާއަށެވެ.

މި ތިން ޤައުމުގެ ތެރެއިން އެންމެ ގިނަ ދަތުރުކޮށްފައިވަނީ ޗައިނާއަށެވެ. ޗައިނާގެ 3 މަންޒިލަކަށް ޖުމްލަ 117 ދަތުރު ވަނީ ކޮށްފައެވެ. އަދި ސައުދީ އަރަބިއްޔާއަށް 14 ދަތުރުކޮށްފައިވާއިރު، އިންޑިއާއަށް 9 ދަތުރު ވަނީ ކޮށްފައެވެ. މި ކާމިޔާބީއިން ދައްކުވައިދެނީ މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފުޅާވެ، އެ ކުންފުންޏަށް އާ މާކެޓުތަކުން ލިބެމުންދާ ތަރުހީބެވެ.

މިއަދު އޮންލައިން