ސްޓެލްކޯއިން ހިންގި "ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން" ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 3މ
ސްޓެލްކޯއިން ހިންގި "ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން" ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފި

ސްޓެލްކޯއިން ޚާއްސަކޮށް އަންހެނުންނަށް އަމާޒުކޮށްގެން ހިންގި "ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން" ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. މި ކޯސް ފުރިހަމަކުރީ ޖުމްލަ 116 ކަނބަލުންނެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދެވެ. ސެޓްފިކެޓް ހަވާލުކޮށްދެއްވުމުގައި މެޑަމް ސާޖިދާ މުޙައްމަދުގެ އިތުރުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާހް ޝަރީފާއި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢައިޝަތު މުޒްނާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކޯހަކީ އާންމުކޮށް ހުޅުވާލައިގެން 16 އަހަރުން މަތީގެ ކޮންމެ ކަނބަލަކަށްވެސް ބައިވެރިވެވޭނެހެން ޖުމްލަ 7 ބެޗަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ކޯހެކެވެ. މި ކޯހުގެ މައިގަނޑު މަޤުޞަދަކީ ކަރަންޓުގެ ދާއިރާއަށް ކަނބަލުންގެ ހިތް ޖައްސުވައި، އެ ދާއިރާއިން ކުރިއަށްދިއުމަށް ހިތްވަރުދީ، ފިރިހެނުންނާއި އެއްހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މި ކޯހުގެ ޓްރެއިނަރުންގެ ގޮތުގައި ބައިވެރިވެފައިވަނީ ސްޓެލްކޯގައި ތިބި ޢިލްމާއި ހުނަރުގެ ގޮތުން މި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ، މިފަދަ ކޯސްތަކަކީ އަންހެނުންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކަމެއް ކަމަށެވެ. "ފަށާ ފެންވަރުގެ މަޢުލޫމާތާއި މަސައްކަތާއި ހުނަރަށް ޚާއްސަކޮށްގެން މި ކޯސް ފަރުމާކުރެވިފައި އޮތުމަކީ މި ދެންނެވި ފަދަ ބޮޑު ބަދަލަކަށް އުއްމީދު ކުރެވޭ، ތަޞައްވަރު ކުރެވޭ ކަމެއް. މި ކޯސް ޚާއްސަކުރެވިފައި މިވަނީ އަންހެނުންނަށް. ކޯހުގެ މައިގަނޑު މަޤުޞަދެއް ކަމަށް ކަނޑައެޅިފައިމިވަނީ، ގޭތެރޭގައި ޙައްލުކުރަންޖެހޭ ކަރަންޓުގެ މައްސަލަތައް ގޭތެރޭން ޙައްލުކުރެވޭނެ މަގު ފަހިކުރުން. އެންގިވަޑައިގަންނަވާނެ ފަދައިން އިޖުތިމާޢީ، ރަސްމީ ޚިދުމަތުގެ އިތުރަށް އަންހެނުންނަކީ ގޭތެރޭގެ ވަރަށް ބޮޑު، ވަރަށް ބުރަ ޒިންމާތަކެއް އުފުލާ ބައެއް. އެހެންކަމުން އަންހެނުންނަށް މިފަދަ ހުނަރުތައް ދަސްކޮށްދިނުމުން ވަރަށް ބޮޑެތި ބަދަލުތައް އަންނާނެކަން ޔަޤީން." ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މީގެ އިތުރުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާހް ރަޝީދު ވިދާޅުވީ، ފިރިހެން ބޭފުޅުން ޑޮމިނޭޓް ކުރަމުން އަންނަ ދާއިރާއަކަށް ކަނބަލުން ތަމްރީނު ކުރުމަކީ ވަރަށް އެދެވޭ ނަތީޖާތަކެއް ނުކުންނާނެ ކަމެއް ކަމަށެވެ. މި ކޯހުގައި ބައިވެރިންނަށް އުނގަންނައިދެވުނު މުހިންމު ބައިތަކުގެ ތެރޭގައި ގޭބީސީ ކަރަންޓު ވަޔަރުކުރުމުގެ އަސާސީ މަޢުލޫމާތާއި އަމަލީ ގޮތުން އެކަން ކުރާނެ ގޮތް ހިމެނެއެވެ. އަދި ވަޔަރު ކުރުމަށް ބޭނުންވާ ސާމާނާއި، އެކި ބޭނުންތަކަށް ކަމުދާނެ ސޮކެޓް އަދި ނަރުގެ ސައިޒު ފަދަ މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން ގޭބިސީގައި އާންމުކޮށް ބޭނުންކުރާ ބޮކި، ފަންކާ، ސްވިޗް، ޑީ ބޯޑް ފަދަ ތަކެތި ހަރުކުރުމާއި، ޑީ ބޯޑަށް ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތައް ވެސް ވަނީ ދަސްކޮށްދީފައެވެ. ކަރަންޓު ސާމާނު ރައްކާތެރިކަމާއެކު ބޭނުންކުރުމާއި، ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވިދާނެ ގޮތްތަކުގެ މައްޗަށް ވެސް މި ކޯހުގައި އަލިއަޅުވާލާފައިވެއެވެ.

މި ކޯހުން ލިބުނު ހުނަރުތަކުގެ ސަބަބުން މި ބައިވެރިންނަށް އަމިއްލަ ގޭތެރޭގެ ކަރަންޓުގެ ކުދިކުދި މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ. އަދި މި ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް ވެސް މި ކޯހަކީ ހަރުދަނާ ބިންގަލެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މިއަދު އޮންލައިން