ސްޓެލްކޯއިން ކުރިއަށް ގެންދިޔަ ކަރަންޓު ކޯސް "ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން" އަކީ ވަރަށްބޮޑު ހެޔޮބަދަލެއްގެ ފެށުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ސްޓެލްކޯއިން ކުރިއަށް ގެންދިޔަ މި ކޯހުގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ކޯހުގެ މައިގަނޑު މަޤުޞަދަކީ އަންހެނުންނަށް ޚާއްޞަކޮށް، ގޭތެރޭގައި ހައްލުކުރަން ޖެހޭ ކަރަންޓުގެ މައްސަލަތައް ގޭތެރެއިން ހައްލުކުރެވޭނެ މަގުފަހިކޮށްދިނުމެވެ.
އެކަމަށް އިޝާރާތްކުރައްވައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވީ އިޖުތިމާޢީ އަދި ރަސްމީ ޚިދުމަތުގެ އިތުރަށް އަންހެނުންނަކީ ގޭތެރޭގެ ވަރަށް ބޮޑު، ވަރަށް ބުރަ ޒިންމާތަކެއް އުފުލާބައެއް ކަމަށެވެ. އެހެންކަމުން އަންހެނުންނަށް މިފަދަ ހުނަރުތައް ދަސްކޮށްދިނުމުން ވަރަށް ބޮޑެތި ބަދަލުތައް އަންނާނެކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ. "މިއީ އަސާސީ ފެންވަރުގެ ކޯހެއް ނަމަވެސް އަންހެނުންނަށް ޢިލްމާއި، ހުނަރާއި ތަމްރީން މިކޯހުން ލިބިވަޑައިގަންނަވާތީ މިއީ ވަރަށްބޮޑު ހެޔޮބަދަލެއްގެ ފެށުމެއް," އެކަމަނާ ވިދާޅުވިއެވެ.
މިފަދަ ކޯސްތަކުގެ ސަބަބުން މުޖުތަމަޢަށާއި އަންހެނުންގެ ހުނަރާއި ކެރުމާއި އުފެއްދުންތެރިކަމަށް ކުރިއެރުންތަކެއް އަންނާނެކަމަށް ފާހަގަކުރައްވައި، ސާޖިދާ މުޙައްމަދު ވިދާޅުވީ ގޭތެރެއިން މަންމަ އަބަދުކުރަމުން އަންނަ މަސައްކަތެއް ގޭތެރެއިން ދިރިގެން އައުމަކީ ވަރަށް ގިނައިން ވާކަމެއް ކަމަށެވެ. އަދި ކޮންމެ ދާއިރާއެއްގެ ޚިދުމަތެއްގައިވެސް އެ ދާއިރާއަކާބެހޭ ގޮތުން ފަށާފެންވަރުގެ މަޢުލޫމާތު ކޮންމެ މީހަކަށް ލިބިފައިވުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ކޯހުގެ ބައިވެރިންނަށް ގޭތެރޭގައި ކަރަންޓް ބޭނުންކުރުމުގައި ރައްކާތެރިކަމާއި، ޚަރަދުކުޑަކުރާނެގޮތުގެ އިތުރުން އެކަށޭނަ ގޮތުގައި ކަރަންޓު ބޭނުންކުރުމުގެ މަޢުލޫމާތު އުނގަންނައިދެއްވާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ކޮންމެ އަންހެނަކަށްވެސް އަމިއްލަ ގޭތެރޭގެ ކަރަންޓުގެ ކުދިކުދި މައްސަލަތައް ހައްލުކުރުމުގެ ހުނަރު ލިބިގެންދާނެއެވެ.
ސްޓެލްކޯއިން 7 ބުރަކަށް ބަހާލައިގެން ހިންގި މި ކޯސް ޖުމުލަ 116 ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ކޯސް ފުރިހަމަކުރި 81 ބައިވެރިޔަކަށް ވަނީ ސެޓްފިކެޓް ޙަވާލުކޮށްފައެވެ. މީގެ ތެރެއިން 30 ބައިވެރިއަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަމާހް ރަޝީދު އަދި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.