ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުށީގައި 60 ހެކްޓަރުގެ ބޮޑު ސަރަޙައްދެއްގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، މި ބަނދަރާއެކު މިހާރު ދިމާވެފައިވާ ޖާގައިގެ މައްސަލަތައް މުޅިން ޙައްލުވެގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުޙައްމަދު ރިޝްވާން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ރިޝްވާން ވިދާޅުވީ، މާލޭގެ ވިޔަފާރި ބަނދަރު މިހާރު ވަނީ ކެޕޭސިޓީއަށްވުރެ އެތައް ގުނައެއް އިތުރަށް ޚިދުމަތް ދޭން ޖެހި، ވަރަށް ބޮޑަށް ތޮއްޖެހިފައި ކަމަށެވެ. އެގޮތުން، 1500 ކޮންޓެއިނަރަށް ފަރުމާކުރެވިފައިވާ ބަނދަރުގައި މިހާރު 3000 ކޮންޓެއިނަރު ބަހައްޓައިގެން ޚިދުމަތް ދެމުންދާއިރު، ހުޅުމާލޭގައިވެސް 2000 ކޮންޓެއިނަރުގެ ޖާގައިގެ ކެޕޭސިޓީ ބޭނުންކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތިލަފުށީގައި ތަރައްޤީކުރާ 60 ހެކްޓަރުގެ މައި ވިޔަފާރި ބަނދަރަކީ މި ދަތިކަން ޙައްލުކުރާނެ މައިގަނޑު މަޝްރޫޢު ކަމަށް ރިޝްވާން ވިދާޅުވިއެވެ. ޖުމްލަ 250 މިލިޔަން ޑޮލަރުގެ މި ބިޔަ މަޝްރޫޢު ކުރިއަށްގެންދަނީ އެކި ފިޔަވައްސަށް ބަހާލައިގެންނެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވައްސާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ރިޝްވާން ވިދާޅުވީ، މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އޭނާ ވިދާޅުވިއެވެ. "ފުރަތަމަ ފިޔަވަހީގައި 100 މީޓަރުގެ މައިނަލް 15ގެ ކީވޯލްއެއް ހެދުމަށް ދިރާސާގެ މަސައްކަތް ވަނީ ނިންމާފައި. 660 ލޯކަލް ކީވޯލް ހެދުމަށް ކުރެހުންތައް ވަނީ ހަދާފަ. ގުދަންތަކާއި ޢުމްރާނީ ތަރައްޤީއާއި ވަސީލަތްތައް އަދި އިންސާނީ ވަސީލަތްތައް ނިމި، މުޅި ފޭސް 1، 2027ގެ ނޮވެމްބަރަށް ނިންމާލެވޭނެ."
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަސައްކަތްތަކަށް 60 މިލިޔަނެއްހާ ޑޮލަރު ހޭދަވާނެ ކަމަށް ރިޝްވާން ވިދާޅުވިއެވެ. އަދި ލޯކަލް ހާބަރ ރިލީފްގެ މަސައްކަތްތަކާއެކު، ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ ފޭސް 1ގެ ޖުމްލަ ޚަރަދު 150 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ބަނދަރުގެ މަސައްކަތް ނިމުމާއެކު، ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތަކަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.