އެސްއެމްއީ ޑިޖިޓަލްއިން، ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އައު ފައިނޭންސިންގ ޕްރޮޑަކްޓެއް ތައާރަފްކޮށް، އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ފައިނޭންސިންގގެ މައިގަނޑު މަޤްސަދަކީ ހުރިހާ ދާއިރާއެއްގެ މިހާރުވެސް ހިނގަމުންދާ ވިޔަފާރިތަކަށް، އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް ފަސޭހަކޮށްދިނުމެވެ.
މި ފައިނޭންސިންގެ ދަށުން، ވިޔަފާރިތަކަށް ބޭނުންވާ މެޝިނަރީ، އިކުއިޕްމަންޓް، އަދި ވިޔަފާރިއަށް ބޭނުންވާ އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރުގައި އިންޖީނު އެޅުން ފަދަ ބޭނުންތަކަށް ފައިނޭންސް ލިބޭނެއެވެ. އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވި ގޮތުގައި މި ފައިނޭންސިންގ ފޯރުކޮށްދެވޭނީ ޝަރީޢާ އުސޫލުތަކުގެ ތެރެއިންނެވެ. ފައިނޭންސްގެ އަދަދު 100،000 ރުފިޔާއިން ފެށިގެން 5،000،000 ރުފިޔާއާ ހަމައަށް ހިމެނެއެވެ.
ފައިނޭންސިންގގެ ލުއިފަސޭހަ ޝަރުތުތަކުގެ ތެރޭގައި، އެއްވެސް ރަހުނަކާ ނުލައި 1،000،000 ރުފިޔާއާ ހަމައަށް ތަކެތި ގަތުމަށް ފައިނޭންސިންގ ފޯރުކޮށްދެވޭނެއެވެ. ރަހުނަކާ ނުލައި ދޫކުރާ ފެސިލިޓީ އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ޖުމްލަ 7 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. އަދި ރަހުނެއް ހިމެނޭހެން ފެސިލިޓީ ނަގާނަމަ، އަނބުރާ ދެއްކުމަށް 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން 10 އަހަރުގެ މުއްދަތެއް ކަނޑައަޅާފައިވެއެވެ. އަހަރަކަށް ފައިދާ ހިސާބުކުރާނީ %9 އާއި %10.5 އާ ދެމެދުގައެވެ.
އެސްއެމްއީ ޑިޖިޓަލްއިން އުއްމީދުކުރާ ގޮތުގައި މި ފަސޭހަ ފައިނޭންސިންގެ ސަބަބުން ވިޔަފާރިތަކުގެ އޮޕަރޭޝަންތައް ފުޅާކޮށް، ދިވެހި އިގުތިސާދަށް އިތުރު ކުރިއެރުން ގެނެސްދިނުމަށް އެހީތެރިވެދޭނެއެވެ. މި ފައިނޭންސިންގަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.